ގަރާޖުގައި ރޯވެ 10 މީހުން މަރުވި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ މިއަދު ބައްދަލު ކުރައްވާނެ ކަމަށާއި، އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަަށް މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރައްދު ބައްލަވައިލެއްވުމަށް ރައީސް ސޯލިހު މިއަދު އެ ސަރަހައްދަށް ވަޑައިގެންނެވުމުން، މީޑިއާއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، "ކަމާބެހޭ ފަރާތްތަކާ މިއަދު އަޅުގަނޑު ބައްދަލު ކުރާންނަ، އެމްއެންޑީއެފް، ޕޮލިސް، ހޯމް އެފެއާޒް، ޑިފެންސް މިނިސްޓްރީ، އެމްއީޑީ، ފޮރިން މިނިސްޓްރީ ހިމެނޭ،" ކަމަށެވެ.

ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއި ކުރިއަށް އަޅަން ހުރި ފިޔަަވަޅުތަކުގެ އިތުރުން، މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވީ، ރޭ ހިނގި ފަދަ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އެންމެ މުހިއްމު ކަމަކީ މާލޭގައި ތޮއްޖެހިފައި މިއޮތް އޮތުމަށް ހައްލެއް ގެނައުން ކަމަށެވެ. ހަމަ އެއާއެކު ގަރާޖު ތަކާއި ވޯކުޝޮޕްތައް މީހުން ނޫޅޭ ވަކި ސަރަހައްދަކަށް ގެންދިއުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެކަމަށްޓަކައި ގުޅީފަޅާއި ތިލަފުށީގައި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ހުޅުމާލެއަށް ބައެއް ގަރާޖުތައް ބަދަލުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް އެކަންތައް ކުރުން ލަސްވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެންމެ ގެއްލުން ބޮޑު ހާދިސާކަމަށެވެ.

ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ސިފައިން ކުރި މަސައްކަތުން ނުވަ މީހުން އެހާދިސާއިން ސަލާމަތް ކޮށް ހިމާޔަތްދީފައިވާ ކަމަށާއި، އަލިފާން އިތުރަށް ނުފެތުރުނީ ސަފައިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.