މާލޭގެ ގަރާޖެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާއިރު، މާލޭގައި އެފަދަ ހާދިސާތައް ހިގުން މަދުކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މާލޭގައި އޮތް ތޮއްޖެހުމަށް ހައްލެއް ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް މީގެ އިރުކޮޅެއް ކުރިން ވަޑައިގެން މީޑިއާއިން ކުރި ސުވާލުތަކަށް ޖަބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއީ ފަހުގެ ތާރީހުގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެންމެ ގެއްލުން ބޮޑު އެއް ހާދިސާ ކަމަށެވެ.

"މިކަހަލަ ހާދިސާތައް މަދުކުރުމަށް އެންމެ މުހިއްމު ކަމަކީ މާލޭގައި ތޮއްޖެހިފައި މިއޮތް އޮތުމަށް ހައްލެއް ގެނައުން،" ހަމަ އެއާއެކު ގަރާޖު ތަކާއި ވޯކުޝޮޕްތައް މީހުން ނޫޅޭ ވަކި ސަރަހައްދަކަށް ގެންދިއުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނަމަވެސް މިހާރުވެސް އެކަމަށް ލަސްވެއްޖެ ކަމަށެވެ.

އެގޮތުން "އަޅުގަނޑުމެންގެ ގުޅީފަޅާއި ތިލަފުށީގައި މިހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހުންނާނެ އެކަންތައްތަކަށް ސަރަހައްދުތަކެއް ކަނޑައަޅާފަ، އެހެންވީމަ އެއާއެކީގައި އެކަން ކުރެވޭނެ މިއީ ކުރަން ލަސްވެފައި އޮތްކަމެއް،" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.