Close
ޚަބަރު

އަލިފާން ރޯވި ގެއިން ސަލާމާތްވި 9 ބިދޭސީއަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފި

ރިފާ ހަލީލު

މ. ނިރުފެހި ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ސަލާމަތްވި ނުވަ ބިދޭސީއަކު ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންއެމްޑީއޭ)ގެ ބެލުމުގެ ދަށުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފިއެވެ.

އެންއެމްޑީއޭގެ އިމަޖެންސީ ރެސްޕޮންޑް ސާވިސް މެނޭޖަރު ފަރޫޝާ އަލީ "ވަން" އަށް މިއަދު ވިދާޅުވީ އަލިފާން ރޯވި ނިރުފެހި ގެއިން ހަ އަންހެނަކާއި ތިން ފިރިހެނަކު ސަލާމަތްވެފައިވާ ކަމަށެވެ. އަދި މި މީހުން އެ އޮތޯރިޓީގެ ބެލުމުގެ ދަށުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަރޫޝާ ވިދާޅުވީ މި އެންމެނަކީވެސް ބިދޭސީން ކަމަށާއި ނަމަވެސް ކޮން ގައުމެއްގެ ބައެއްކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނިރުފެހިގެ ހުރި ސަރަހައްދުގެ ގެތަކުން އަލިފާނުގެ އަސަރުކުރި ގިނަ އަދަދެއްގެ ދިވެހިންވެސް ނެރުނު ކަމަށާއި ނަމަވެސް ބައެއް މީހުން އާއިލާގެ މީހުންގެ ގެތަކަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސަރަހައްދުގެ ގެތަކުން ވަރަށް ގިނަ ދިވެހިންވެސް ނެރުނު. ސީދާ އަދަދު މިވަގުތު ދަންނަވަން ވަރަށް ދަތި. މިހާރުވެސް ކުރިއަށްދާ ކަންކަން ކަމަށްވާތީ. އެކަމަކު ގިނަ ބަޔަކު އާއިލާގެ މީހުންގެ ގެއަށް އަނެއްބަޔަކު އެމީހުންގެ އަމިއްލަ ގެއަށް ބަދަލުވެފަ މިވަނީ. ދެން ބާކީ ތިބި މީހުންވެސް އަމިއްލަ ގެތަކުގެ ރައްކާތެރިކަމާއި ކަރަންޓާއި ފެން ހުރިތޯ ޔަގީންކުރުމަށްފަހު ގެތަކަށް ބަދަލުކުރަމުން މިދަނީ." އޭނާ ވިދާޅުވިއެވެ.

އެންއެމްޑީއޭގެ ބެލުމުގެ ދަށުން ނުވަ މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާއިރު މިވަގުތުވެސް އެ އޮތޯރިޓީގެ ބެލުމުގެ ދަށުން މާފަންނު ސްޓޭޑިއަމްގައި ދެ ދިވެހިން އެބަތިއްބެވެ.

ރޭ ދަންވަރު ހިނގި އަލިފާނުގެ މި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. މަރުވި އެންމެނަކީ ބިދޭސީން ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ.