ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަން، ފްރާންސުން ކުރިއަށް އޮތް ގަތަރު ވޯލްޑް ކަޕަށް 25 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފިއެވެ.

ފްރާންސުން ރޭ ސްކޮޑު އިއުލާން ކޮށްފައިވާ އިރު، ކޯޗު ޑިޑީއާ ޑިޝޭމްޕްސްއަށް 26 ކުޅުންތެރިން ޓީމުގައި ހިމަނާފައެއް ނުވެއެވެ. އޭނާއަށް 26 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކުރުމަށް ފުރުސަތު އޮތް ނަމަވެސް އިއުލާންކުރީ 25 ކުޅުންތެރިންގެ ސްކޮޑެކެވެ. އެ ސްކޮޑުގައި އުމުރުން 36 އަހަރުގެ ފޯވަޑް އޮލިވިއޭ ޖިރޫވެސް ހިމަނާފައިވާ އިރު، މިވަގުތު އަނިޔާގައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފޭލް ވަރާނަށްވެސް ކޯޗު ޑިޝޭމްޕްސް ވަނީ ފުރުސަތު ދީފައެވެ.

އުމުރުން 29 އަހަރުގެ ވަރާނަށް އަނިޔާވެފައި ވަނީ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ޕްރިމިއާ ލީގުގައި އޮކްޓޯބަރު މަހު 22 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗުގައެވެ. އެ މެޗުގައި އަނިޔާވެ ވަރާން ދަނޑުން ފައިބައިގެން ދިޔައީ ރޮވިފައި ހުރެގެންނެވެ. އެ އަނިޔާއަށްފަހު ވަރާން އަދި މިހާތަނަށް ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާ އިރު، ބެލެވޭ ގޮތުގައި ކޯޗު ޑިޝޭމްސް އޭނާ ވޯލްޑް ކަޕް ސްކޮޑަށް ނެގީ ފިޓްވާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

ފްރާންސުން ވޯލްޑް ކަޕް ދިފާއުކުރުމުގެ ޗެލެންޖަށް ނެގި ޓީމުގައި ހިމެނުނު އިތުރުން ތަރިންނަށް ބަލާއިރު، މިދިޔަ ސީޒަނުގެ ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާއާއި ކިލިއަން އެމްބާޕޭ ފާހަގަވެއެވެ. އޭގެ އިތުރުން ދެން އެޓޭކްގައި ހިމެނެނީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ނެގީ ޓީމުގެ ފޯވަޑް ޖިރޫއާއި އެންޓޮއިން ގްރީޒްމަން އަދި އުސްމާން ޑެމްބެލޭ ހިމެނެއެވެ.

ފްރާންސްގެ މެދުތެރެއިން އަނިޔާގެ މައްސަލަތައް ދިމާވެފައިވާ އިރު، މިފަހަރުގެ ސްކޮޑުގައި ޕައުލް ޕޮގްބާއާއި އެންގޯލޯ ކަންޓޭ ނެތެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އޭގެ ބަދަލުގައި ޒުވާން ތަރިންތަކެއް މެދުތެރެއިން ފާހަގަވެއެވެ. އެއީ ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާއާއި އޮރެލިއެން ޗުއެމެނީ އަދި މޮނާކޯގެ ޔޫސުފް ފޮފާނާއެވެ.

ފްރާންސްގެ އެއް ނަންބަރު ގޯލްކީޕަރު ހޫގޯ ލޮރިސް ހަތަރު ވަނަ ވޯލްޑް ކަޕަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، ފަހަތުން އާސެނަލްގެ ވިލިއަން ސަލީބާއާއި ބާސެލޯނާގެ ޖޫލްސް ކޫންޑޭގެ ނަންވެސް ފާހަގަކޮށްލެވުނެވެ.

ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެޓީމުން ދެފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިރު، ފުރަތަމަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1998 ވަނަ އަހަރުއެވެ. ޒުވާން ތަރިންތަކަކާއެކު 1994 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް، އެ މުބާރާތް ގެއްލުނު ނަމަވެސް ޒުވާން ކުޅުންތެރިންގެ ގޮތުގައި އަރައިގެން އައި ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދި ލިލިއަމް ތުރާމް ފަދަ ކުޅުންތެރިންނާއެކު ފްރާންސުން 1998 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ. އެއަށްފަހު ދެވަނަ ތަށްޓަށް ފްރާންސުން ދިގު އިންތިޒާރެއް ކުރާން ޖެހުނެވެ. ދެވަނަ ފަހަރަށް ފްރާންސް ވޯލްޑް ކާމިޔާބުކުރީ އެންމެފަހުން ރަޝިއާގައި 2018 ވަނަ އަހަރުއެވެ.

ފްރާންސް މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޑެންމާކާއި، ޓިއުނީޝިއާ އަދި އޭޝިއާ ބައްރުގެ އޮސްޓްރޭލިއާއެވެ.

  • އަލްފޯންސޯ އަރެއޯލާ - ވެސްޓްހަމް
  • ހޫގޯ ލޮރިސް - ޓޮޓެންހަމް
  • ސްޓީވް މަންޑަންޑާ - ރެނެސް
  • ލޫކަސް ހެނާންޑޭޒް - ބަޔާން މިއުނިކް
  • ތިއޯ ހެނާންޑޭޒް - އޭސީ މިލާން
  • ޕްރެންސެލް ކިމްޕެންބޭ - ޕީއެސްޖީ
  • އިބްރާހީމާ ކޮނާޓޭ - ލިވަޕޫލް
  • ޖޫލްސް ކޫންޑޭ - ބާސެލޯނާ
  • ބެންޖަމިން ޕަވާޑް - ބަޔާން މިއުނިކް
  • ވިލިއަމް ސަލީބާ - އާސެނަލް
  • ޑަޔޮޓް އުޕަމެކާނޯ - ބަޔާން މިއުނިކް
  • ރަފޭލް ވަރާން - މެންޗެސްޓާ ޔުނައިޓެޑް
  • އެޑުއާޑޯ ކަމަވިންގާ - ރެއާލް މެޑްރިޑް
  • ޔޫސުފް ފޮފާނާ - މޮނާކޯ
  • މަޓެއޯ ގުއެންޑޫޒީ - މާސޭ
  • އަޑްރިއެން ރެބިއޮޓް - ޔުވެންޓަސް
  • އޮރެލިއެން ޗުއެމެނީ - ރެއާލް މެޑްރިޑް
  • ޖޯޑަން ވެރެޓޯޓް - މާސޭ
  • ކަރިމް ބެންޒެމާ - ރެއާލް މެޑްރިޑް
  • ކިންގްސްލީ ކޯމަން - ބަޔާން މިއުނިކް
  • އުސްމާން ޑެމްބެލޭ - ބާސެލޯނާ
  • އޮލިވިއާ ޖިރޫ - އޭސީ މިލާން
  • އެންޓޮއިން ގްރީޒްމަން - އެތުލެޓިކޯ މެޑްރިޑް
  • ކިލިއަން އެމްބާޕޭ - ޕީއެސްޖީ
  • ކްރިސްޓޮފާ އެންކުންކޫ - ލެއިޕްޒިގް