އާޖެންޓީނާގެ "ހީރޯ"، ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާގެ ހަނދާންތަކާ ނުލައި، ވޯލްޑް ކަޕެއްގެ ހަނދާންތަކެއް ނުގެނެވޭނެއެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަރަޑޯނާގެ ވަކިވުމުގެ ފަޅުކަން ދުނިޔޭގެ ފުޓުބޯޅައިން އަދިވެސް ފިލައިގެން ނުދެއެވެ. ހާޓް އެޓޭކެއްގައި އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވުމާއެކު މުޅި ފުޓުބޯޅަ ދުނިޔެ ހިތާމައިގެ ތެރެއަށް ގަރަގު ކޮށްލިއެވެ. އެތަކެއް ސަޕޯޓަރުންނަކަށް ވޯލްޑް ކަޕާ ދިމާކޮށް، އެންމެ "މިސް ވާ" ލެޖެންޑަކީ އަދިވެސް މަރަޑޯނާއެވެ.

ވޯލްޑް ކަޕަކުން ގައުމަކަށް މަރަޑޯނާ ގެނެސްދިން އުފާވެރިކަމެވެ. ހަމަ އެވޯލްޑް ކަޕްގައި އޭނާ ދެއްކި ހުނަރަކީ ވޯލްޑް ކަޕްގެ ޒަމާންވީ ދިގު ތާރީހުގައިވެސް ފެނުނު އާދަޔާހިލާފު ހުނަރުވެރިކަމެކެވެ. އަދި ކިއްހެއްޔެވެ. 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭނާ ހެދި މަކަރަކީ އަދި އަދަށް ދާންދެންވެސް ފުޓުބޯޅައިގެ އެންމެ ގިނަ ވާހަކައެކެވެ. ވާނީވެސް އެހެންތާއެވެ. އަތުން ގޯލެއް ޖަހައި މަރަޑޯނާ ބުނީ "އެއީ ހޭންޑް އޮފް ގޯޑް،" ކަމަށެވެ. 10 ނަންބަރު ޖާޒީގައި ކޮށްޓައި، ނައްޓައި ދުނިޔެ ހައިރާންކޮށްލި މަރަޑޯނާގެ ނަން ފުޓުބޯޅައިގައި ލިޔެވެނީ އެހުރިހާ ކަމަކާވެސް އެކުގައެވެ.

1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާއަށް އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެން ޖެހިގެން އައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލީ ސްޓައިލުގައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު އެއަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަތައް އަދިވެސް ފަނޑުވުމެއް ނެތެވެ. މުޅި ވޯލްޑް ކަޕުގައި އާޖެންޓީނާއިން އުފެއްދި ހަމަލާތަކުގެ ދެބައިކުޅަ އެއްބައިގެ މޭސްތެރިއަކީ މަރަޑޯނާއެވެ. އާޖެންޓީނާއިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާގެ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ.

އެ ގޯލުތަކުގެ ތެރެއިން ހާއްސަކަމެއް ލިބެނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ދެ ގޯލަށެވެ. އެއީ މުޅި ފުޓުބޯޅަ ތާރީހުގައިވެސް އަބަދުހެން ދެކެވޭނެ ދެ ގޯލެއްގެ ވާހަކައެކެވެ. ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލިއެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެއީ މަރަޑޯނާއަށް އެތައް ނަފުރަތެއް އަމާޒުވި ގޯލެކެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް އެތައް ބަޔަކު މަރަޑޯނާއަށް ލޯބި ބަންޑުންވެސް ކޮށްލި ގޯލެކެވެ.

ދެން އޮތީ އެ މެޗުގައި ޖެހި ދެވަނަ ގޯލުގެ ވާހަކައެވެ. އެ ގޯލަކީ 2002 ވަނަ އަހަރު ނެގި ވޯޓަކުން މިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލުގެ ގޮތުގައި ހޮވުނު ގޯލެވެ. ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލް ކީޕަރު ކައިރިންވެސް ނައްޓައިލުމަށްފަހުއެވެ. އެއީ މަރަޑޯނާގެ ލެގަސީއެވެ. އެ ވޯލްޑް ކަޕް އުފުލައިލީ ގައުމު ކޮނޑުގައި ޖަހައިގެން ގޮސް، ކެޕްޓަން ބޭންޑް އަޅައިގެން، ލީޑާޝިޕްގެ މިސާލުވެސް ދައްކައިފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ރަން ބޯޅަވެސް ނެގީ އެވެ.

އެ ދެގޯލު ޖެހިއިރު މަރަޑޯނާ ލައިގެން ހުރި 10 ނަންބަރު ޖާޒީގެ އަގު 7.4 މިލިއަން ޑޮލަރަށް ވިކިފައިވެއެވެ. މަރަޑޯނާގެ އެ ޖާޒީ މިވަގުތު އޮތީ އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވް ހޮޖް އަތުގައެވެ. އެ ގޯލު ޖެހި ބޯޅަވެސް ވިއްކާލަން ޖަހައި، ގާތްގަނޑަކަށް ތިން މިލިއަނަށްވުރެ ބޮޑު އަގެއްގައި ވިކެން ތައްޔާރުވެއްޖެއެވެ. މަރަޑޯނާ އަތުން ގޯލު ޖެހި އެ ބޯޅަ މި ހުރިހާ ދުވަހު އޮތީ މެޗުގެ ރެފްރީ ނަސޭރް އަތުގައެވެ.

އެ އަހަރުގެ ވޯލްޑް ކަޕަށްފަހު މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުގައި އާޖެންޓީނާ 1990 ގެ ވޯލްޑް ކަޕަށް ނުކުމެ، ރަނަރަޕްކަންވެސް ހޯދިއެވެ. އަނިޔާގެ މައްސަލަތަކާއެކުވެސް މަރަޑޯނާ އާޖެންޓީނާއާއެކު ފައިނަލަށް ދިޔައެވެ. އެހެން ނަމަވެސް ވެސްޓް ޖާމަނީން 1986 ފައިނަލްގައި ބަދަލު ހިފައި މަރަޑޯނާ ރޮއްވާލީއެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް މަރަޑޯނާ ނުކުތެވެ. އެހެން ނަމަވެސް އޭރު އޮތީ އޭނާގެ ކެރިއަރުގެ ބަނަ ދުވަސްތަކުގެ ކޮޅު މަތީގައެވެ. މަސްތުވާތަކެއްޗާއި ރަލުގެ ތެރެއިން ކެރިއަރު ނިމިގެންދާން ފެށި ހިސާބަކީ އެއީއެވެ.

އޭގެ ފަހުން މަރަޑޯ ވަނީ 2010 ވަނަ އަހަރު، އާޖެންޓީގެ ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕަށް ނުކުމެފައެވެ. އެ ދަތުރު މާ ކާމިޔާބެއް ނުވިއެވެ.