މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 22 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލީ ތަފާސްހިސާބުތަކުން ދައްކާގޮތުން ނޮވެމްބަރު އެކެއްގެ ނިޔަލަށް ދައުލަތަށް 22.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
އާމްދަނީގެ ތަފާސް ހިސާބުތަކަށް ވަކިވަކިން ބަލާއިރު ޓެކުހުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށްވުރެ އިތުރަށް މިހާރުވެސް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދަައްކައެވެ. އެގޮތުން އަހަރު ނިމޭއިރު ޓެކުހުން 15.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އޮކްޓޯބަރުގެ ނިޔަލަށް ޓެކުހުން ދައުލަތަށް 16 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކުހުން ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޖީއެސްޓީންނެވެ. އަހަރު ނިމޭއިރު ޖީއެސްޓީން ޖުމްލަ 7.6 ބިލިއަން ރުފިޔާގެ އާމްދަނީއެެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 7.8 ބިލިއަނަށްވުރެ އިތުރެވެ. އޭގެ ތެރެއިން ޓޫރިޒަމްގެ ޖީއެސްޓީން އެކަނިވެސް 5.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ވިޔަފާރިއާއި، ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުގެ ނިޔަލަށް ހަތަރު ބިލިއަނަށްވުރެ އިތުރު އާމްދަނީއެއް ވިޔަފާރިއާއި، ޕްރޮޕަޓީ ޓެކުހުގެ ގޮތުގައިވެސް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރި ފައިދާގެ ޓެކުހުންނެވެ. ވިޔަފާރި ފައިދާއިން މިހާތަނަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ބަޖެޓުގެ އަންދާޒާއަކީ 1.2 ބިލިއަން ރުފިޔާ އެވެ.
ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 6.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އޮކްޓޯބަރުގެ ނިޔަލަށް ހަ ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެކި ތަންތަނުން ނަގާފައިވާ ކުއްޔާއި ފީއިންނެވެ. މިގޮތުން އެކިއެކި ފީއާއި ޗާޖުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ރިސޯޓު ކުލީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން މިއަހަރަށް ދައުލަތަށް ލިބޭނީ ޖުމުލަ 24.2 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. ނަމަވެސް މިއަހަރުގެ އާމްދަނީ އެއަށްވުރެ އިތުރުވާނެ ކަމަށާއި މިހާރު އަންދާޒާ ކުރެވޭ ގޮތުގައި 26.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު