ޚަބަރު

ރީކޯ މޫސާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

މުލިއާގޭގައި މިއަދު ބޭއްވި ހަފުލާއެއްގައި މޫސާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އެ ރަސްމިއްޔާތުގެ ފޮޓޯއެއް އެމްޑީޕީން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އެ ހަފުލާގައި އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ހުންނެވިއެވެ.

އެ ހަފުލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް (އަންދުން ހުސެއިން) އަދި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރީކޯ މޫސާގެ ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީންނެވެ. ރައްޔިތުން މަޖިލީހުގައި ތިން ދައުރެއް ފުރިހަމަ ކުރައްވާފައިވާ ރީކޯ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވައިފައެވެ. އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހުމަދު ފާއިޒް ވަކިކުރަން ވޯޓު ދެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ރީކޯ، އޭރުގެ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ ޕާޓީއާ ގުޅިވަޑައިގެން ރީކޯ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެ މަނިކުފާނު ސަރުކާރު ހިންގަވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވައިފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރީކޯ ވަނީ ޔާމީނަށް ކެމްޕޭން ކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާ ގުޅިގެން ރީކޯ ވަނީ ޕީޕީއެމްގެ ހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގެންފައެވެ. ފަހުން ރީކޯ ގެންދެވީ ރައިސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ. ރީކޯ ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ބޭނުންވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.