އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާއަށް ދިން ފަރުވާގެ ލިޔެކިޔުންތައް ހޯދަން ދިފާއުން އެދިއްޖެއެވެ.
މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލައިފައެވެ.
މޭރީގެ މަރަށް ދެ ދުވަސް ފަހުން މާވިން ހައްޔަރުކުރި އިރު ލަމްހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މި މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ މޭރީގެ މެޑިކަލް ލިޔުންތައް އައިޖީއެމްއެޗުން ހޯދުމަށް ދައުލަތަށް މީގެ ކުރިން ވެސް ފުރުސަތު ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ލަމްހާގެ ދިފާއީ ވަކީލު ވިދާޅުވީ، އައިޖީއެމްއެޗުން ދީފައިވާ ފަރުވާ އާއި ކޮށްފައިވާ ކަންކަމާ ގުޅޭ ތަފްސީލުތައް ދިފާއުން އެދުނު ގޮތަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުން މޭރީގެ ވައިޓަލްގެ މައުލޫމާތާއި ޑައިގްނޯސިސް ޕްރޮގްރެސް ރިޕޯޓާއި ލެބޯޓަރީއަށް ފޮނުވި ސާމްޕަލްތަކާއި އޭގެ ނަތީޖާއާ ގުޅޭ ލިއުންތަކުގެ އިތުރުންވެސް މޭރީއަށް ދިން ފަރުވާއާ ގުޅޭ ހުރިހާ ލިޔުމެއް ހޯދުމަށް އެދިފައިވާ ކަމަށް ވިދާޅުވިއެވެ.
ދިފާއީ ވަކީލް ވިދާޅުވީ، އެ ލިޔުންތައް ނެތް ކަމަށް އައިޖީއެމްއެޗުން ބުނާނަމަ، އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެ ލިޔުންތައް ނެތް ސަބަބެއް އެނގެން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ހޯދަން އައިޖީއެމްއެޗުގެ ވެރިން ހާޒިރު ކުރުމަށް ދިފާއުން އެދޭ ކަމަށް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގެ ޕޭޝަންޓް ޗާޓެއް ނެތް ކަމަށް އައިޖީއެމްއެޗުގެ ސިޓީއާ ހަވާލާދީ ދައުލަތުން ބުނެފައިވާއިރު، މޭރީއަށް ދިން ފަރުވާއާ ގުޅޭ އަތުލިޔުން ފިޔަވައި އެހެން ލިޔުމެއް ނެތްކަން އައިޖީއެމްއެޗުން ކަށަވަރުވެފައި ނުވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމަކަށް އެކަމާ ގުޅިގެން ދައުލަތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު