އުސޫލުތަކާ ހިލާފަށް ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލައިގައި އެރަށު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް އަބްދުއްސައްތާރު ހަސަންއާއި ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޒީގެ އިތުރުން ކުރީގެ ކައުންސިލް މެންބަރު ހަސަން ޖައުފަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިއީ ހޮޓާ ހިންގުމާއި ވިޔަފާރިކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލުން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނަކާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ އިތުރުން، އިއުލާން ކުރުމެއް ނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެ ފަރާތަށް ކުއްޔަށް ދޫކުރި މައްސަލައެކެވެ.
އެ މައްސަލަ ތަހުގީގުކުރުމަށްފަހު އޭސީސީން ބުނީ، ހަނިމާދޫ ކައުންސިލުގެ އޭރުގެ ނައިބު ރައީސާއި އޭރުގެ މެންބަރަކާ އާއިލީ ގޮތުން ގުޅުން ހުރި އެ ރަށު އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން 2016 ވަނަ އަހަރު ފާސްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާއި ހިލާފަށް އިއުލާނުކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، 15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި ކަމަށްވާތީ، އެކަން އެގޮތަށް ކޮށްފައިވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށެވެ.
މީގެ އިތުރުން ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެމަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240 ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927 ރުފިޔާއާއެކު ޖުމުލަ 36,167 ރުފިޔާ ދައްކާފައިނުވާ ކަމަށާއި އެހެންކަމުން އެފައިސާ އާއި އަދި މިހާތަނަށް ލިބެން ޖެހި ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު