މެލޭޝިއާގައި އައު ސަރުކާރެއް ހޮވުމަށް މިމަހު ނަވާރަ ވަނަ ދުވަހު އާއްމު އިންތިޚާބުގެ ވޯޓުލުން އޮންނާނެއެވެ. ކުރިން ހަމަޖެހިފައިއޮތް ތާރީޚަށްވުރެ ދިހަ މަސްކުރިން އަވަސް އިންތިޚާބެއް މިބާއްވަނީ ސިޔާސީގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެނެސް ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބަށް ވަރުގަދަ އައު މެންޑޭޓެއް ރައްޔިތުން ދޭނޭ ކަމުގެ އުންމީދުގައެވެ. ބޮޑުވަޒީރުކަމަށް މިފަހަރު އިސްމާއީލް ސަބްރީއާ އެންމެ ބޮޑަށް ވާދަކުރައްވާނޭ ކަމަށް ހީކުރެވިފައިވާ ބޭފުޅަކީ އަންވަރު އިބްރާހީމެވެ. އެހެންނަމަވެސް މިހަފުތާގައި މިލިސްޓަށް ކުރިން ހީވެސް ނުކުރެވޭ ބޭފުޅެއްގެ ނަން އަރައިފިއެވެ. އެބޭފުޅަކީ މިހާރު އުމުރުން 97 އަހަރުވީ ޑރ.މަހާތީރު މުހައްމަދެވެ. ޕާލަމެންޓްގެ ގޮނޑިއަކަށް ކުރިމަތިލައްވަން އޭނާގެ ކެންޑިޑޭސީ ފޯމް ވަނީ ހުށައަޅުއްވައިފައެވެ. ވިދާޅުވިއެވެ. އުންމީދަކީ ބޮޑުވަޒީރުކަމެވެ.

މަހާތީރަކީ މީގެ ކުރިންވެސް ދެފަހަރެެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އެންމެފަހުން މީގެ ހަތަރު އަހަރު ކުރިން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އުމުރުން 93 އަހަރުގައެވެ. އެހާ މުސްކުޅި އުމުރުގައި ބޮޑުވަޒީރުކަން ކުރައްވައި ދުނިޔޭގެ ރިކޯޑެއް އޭނާ ވަނީ ގާއިމު ކުރައްވައިފައެވެ. މިސަބަބާހެދި ނޫސްވެރިން މިފަހަރު މަހާތީރާ ސުވާލު ކުރިއެވެ. މަނިކުފާނު އަދިވެސް ރިޓަޔަރ ކުރައްވާކަށް ނުވޭތޯއެވެ. ސަތޭކަ އަހަރު ފުރެން ގާތްވަނީއެވެ. ޖަވާބުގައި ވިދާޅުވިއެވެ. ރިޓަޔަރކުރަން ޖެހޭ ސަބަބަކީ ކޮބައިބާވައެވެ. ހިނގައިބިނގައި އެބައުޅެވެއެވެ. ކަލޭމެންގެ ސުވާލުތަކަށްވެސް ހިކުމަތްތެރިކަމާއެކު ޖަވާބުދެވޭ ކަމަށް އެބަހީކުރަމެވެ. ބުއްދިފިލައި ދިޔައީއެއް ނޫނެވެ. ގައުމަށް ޚިދުމަތްކުރެވޭހާ ހަކަތަ އަދިވެސް އެބަހުއްޓެވެ. މިއުޅެނީ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ވާދަކުރާކަށެއް ނޫނެވެ.

ބޮޑުވަޒީރު އިސްމާއީލް ސަބްރީގެ ބްލޮކަކީ ވެރިކަންކުރާ ޔުނައިޓެޑް މެލޭ ނެޝަނަލް އޮގަނައިޒޭޝަން، އަމްނޯ އާއި އެ ޖަމާއަތާއި ގުޅިފައިވާ ކޯލިޝަނެވެ. އަންވަރު އިބްރާހިމްގެ ބްލޮކަކީ ޕަކާޓަން ހަރަޕަން ކޯލިޝަނެވެ. މަހާތީރުގެ ބްލޮކަކީ އޭނާގެ ހޯމްލެންޑް ފައިޓަރސް ޕާޓީއާއި އެޕާޓީގެ ފަހަތުގައި ތިބި ކުދިކުދި ޖަމާއަތްތަކެވެ. މީގެތެރެއިން ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ހޯދާނީ ކޮންބައެއްކަން ދަންނަވަން ދައްޗެވެ. ބޮޑަށް ހީކުރެވެނީ އެންމެބޮޑު ބައިދާނީ އަންވަރާއި އިސްމާއީލް ސަބްރީއަށް ކަމުގައެވެ. މަހާތީރުގެ ބްލޮކަށްވެސް ދިހަބާރަ ގޮނޑި ލިބޭނެއެވެ. އެކަމަކު އެޕާޓީ އިސްވެ އޮވެގެން ސަރުކާރެއް އުފެއްދޭވަރުވާނޭ ކަމަށް ނުފެނެއެވެ. އެންމެންވެސް މަހާތީރުގެ އުމުރުގެ ވާހަކަ ދައްކާތީއާއި އެ އުމުރުގައި ހަރުދަނާ ވެރިކަމެއް ކުރެއްވިދާނެ ކަމަށް ގަބޫލުނުކުރާތީއެވެ.

މެލޭޝިއާގެ ރައްޔިތުން މިފަހަރު ވޯޓުފޮށިތަކުގެ ކައިރިއަށް ނުކުމެ ކިއުހަދަން މިޖެހުނީ ވިއްސާރަ މޫސުމެއްގައެވެ. ހެސްކިޔާފައި ވާރޭވެހޭ މޫސުމެއްގައެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ގިނަބަޔަކު ވޯޓުލާން ނުނިކުމެ ތިބެން މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އަންވަރު އިބްރާހީމް ރައްޔިތުންނަށް ގޮވާލައްވާފައިވަނީ ހުއްޓާނުލައި ވާރޭވެހުނަސް ގައުމުގެ ކުރިމަގު ބައްޓަންކުރުމުގެ މިވޯޓުގައި ބައިވެރިވުމަށެވެ. އެހެންނޫނީ އަނެއްކާވެސް ގޯސް މިސްރާބަކުން ގައުމުގެ ކަންކަން ހިނގައިދާނޭކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ. ގޯސްމަގެކޭ އެވިދާޅުވަނީ މަހާތީރާއި އިސްމާއީލް ސަބްރީއަށް ކަމަށް ބެލެވެއެވެ. މީގެތެރެއިން އަންވަރު އެންމެ ބޮޑަށް ނަފުރަތު ކުރައްވާ ބޭފުޅަކީ މަހާތީރެވެ. އަންވަރަށް ކޮންމެފަހަރަކު ލަނޑު ދެއްވަނީ އޭނާކަމަށް ވުމުންނެވެ.

މަހާތީރު މުހައްމަދު އެންމެ ފުރަތަަމަ މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 1981 ވަނަ އަހަރުއެވެ. އެބުރުގައި މުޅިއެކު 22 އަހަރު މަގާމުގައި ހުންނެވިއެވެ. މެލޭޝިޔާއަކީ އިގްތިސާދީގޮތުން ފުދުންތެރި ދުޅަހެޔޮ ގައުމަކަށް ހެއްދެވިއެވެ. ސިޔާސީ ދާއިރާއިން ރިޓަޔަރ ކުރައްވައިގެން ގާތްގަޑަކަށް ފަނަރަ އަހަރު ހުންނެވުމަށްފަހު އަލުން މައިދާނަށް ނުކުމެވަޑައިގެން އާއްމު އިންތިޚާބުގައި އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ބަލިކުރައްވައި ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2018 ގައެވެ. އުމުރުފުޅުން 93 އަހަރުގައި ބޮޑުވަޒީރުކަމަށް ވަޑައިގަތީ ގައުމުގެ ގޮވާލުމަށް އިޖާބަދެއްވައި ގައުމު ސަލާމަތްކުރެއްވުމަށޭ ވިދާޅުވިއެވެ. އެކަމަކު ދެއަހަރަށްވެސް ހިފަހައްޓައެއް ނުލެއްވުނެވެ. ކޯލިޝަނުގެ އެތެރޭގައި ކޯޅުންތައް ބޮޑުވެގެން މަގާމު ގެއްލުނީއެވެ.

މެލޭޝިޔާގެ ޕާލަމެންޓުގައި މަހާތީރު ފުރުއްވަމުން ގެންދަވާ ގޮނޑިއަކީ ލަންކާވީ ދާއިރާގެ ގޮނޑި ކަމަށްވާއިރު ދާދިފަސޭހަކޮށް މިފަހަރުވެސް އެގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ބޮޑުވަޒީރުކަމަށް އަލުން ވަޑައިގަތުން އެހާ ފަސޭހައެއް ނުވާނެއެވެ. މެލޭޝިއާގެ ޕާލަމެންޓަކީ 222 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ތަނެކެވެ. އަޣުލަބިއްޔަތު ހޯދުމަށް މިފަހަރު ވާދަކުރަނީ ތިން ޖަމާއަތަކުންނެވެ. މަހާތީރުގެ ޖަމާއަތްވެސް އޭގެތެރޭގައި ހިމެނެއެވެ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 21 މިލިޔަން މީހުންގެ ތެރެއިން ހަ މިލިޔަން މީހުންނަކީ މުޅިން އަލަށް ވޯޓުލާ ޒުވާނުންނެވެ. އެފަދަ ޒުވާނުންގެ ހޮވުމަކީ މަހާތީރާއި އޭނާގެ ބްލޮކްކަމަށްވުން ވަރަށް ދުރެވެ. މިހާރުވެސް ޒުވާނުން އެބަބުނެއެވެ. މަހާތީރުގެ ވަގުތު ފާއިތުވެއްޖެއެވެ. ދާދިފަހުން އޭނާއަށް ދެވަނަ ފުރުސަތެއްވެސް ދިނީމެވެ. ނަތީޖާ ރަނގަޅެއް ނޫނެވެ. މިފަހަރު އެފުރުސަތު އަލުން ދެވޭކަށެއް ނެތެވެ.