ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ހިޖުރަކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކުގެ މައުލޫމާތު ހާމަކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ މަސައްކަތް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ދުވާލުގެ ތާވަލުން ކަސްރަތު ކުރުމަށް ވަގުތު ހުސްކުރަން ޖެހޭ ކަމަށާއި، އިންޖީނުލީ އުޅަނދުތަކުގެ ބަދަލުގައި ފައިމަގުގައި އުޅުން ގިނަކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ ބަދަލަކީ ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ބަދަލުކުރުން. ދުވަހުގެ ތާވަލުން ކުޅިވަރާއި ކަސްރަތަށް ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރުން. ހިންގެވުމަށް އިސްކަންދެއްވައި، އިންޖީނުލީ އެއްގަމު އުޅަނދު ބޭނުންކުރުން ވީވަރަކުން މަދުކުރަންވީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެއުމުގައި ބަލަންވީ ހަށިގަނޑަށް ފައިދާހުރި މޭވާއާއި ތަރުކާރީގެ ބާވަތްތައް ކަމަށާއި ޖަންކްފުޑްގެ ބާވަތްތަކުން ދުރުހެލިވެ، ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނެ ކަމަށެވެ. އަދި ކެއުމުގެ އާދަތައް ބަދަލުނުކޮށްފިއްޔާ މީހާ ބަލިވެ، ކާބޯތަކެތީގެ ބަދަލުގައި ބޭސް ކާން ޖެހިދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން އެ ބަދަލު ނުގެނެސްފިއްޔާ ކާނާގެ ގޮތުގައި ބޭސްތަކެއް ކާން ފެށުމަކީ މާދުރުގައި އޮތްކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކާނާގެ ތެރޭގައި މޭވާއާއި ތަރުކަރީ ހިމަނަންވީ މިންގަނޑު ކަނޑައަޅާފައިވާ ކަމަށާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރަން ޖެހޭ ކަންކަން ވެސް އެ ޖަމިއްޔާއިން ކިޔައިދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)، ހެލެތް މިނިސްޓްރީ އަދި ޑަބްލިޔުއެޗްއޯ ގުޅިގެން ހެދި ސާވޭއިން، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ކެއުމުގައި އެ މިންގަނޑަށް މޭވާއާއި ތަރުކާރީ ބޭނުންނުކުރާ ކަމަށް ދައްކާ ކަމަށެވެ. އަދި ކެއުމުގައި މޭވާއާއި ތަރުކާރީ ނުހިމެނުމަކީ ހައްލު ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ކެއުމުގައި މޭވާއާއި ތަރުކާރީ ހިމަނައި ކަސްރަތު ކުރާނަމަ ފެންނާނީ ދުޅަހެޔޮ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ހެނދުނު ހަމަގައިމުވެސް ފައްޓަނީ ކަސްރަތުން. 4:45 ގައި ހޭލައި، އެއަށްފަހު 5:30 ހާއިރު ކަސްރަތު. މާގިނަ ހެނދުނުގެ ނާސްތާއެއް އަޅުގަނޑަކަށް ނޯވޭ. އޯޓްސް، ސްމޫތީ ދެެން ފަޅޯ ކޮޅެއް، ނިމުނީ. މިއީ އަޅުގަނޑުގެ ހެނދުނުގެ ނާސްތާއަކީ. މެންދުރު ގަރުދިޔަޔާ ބަތާ. ރޭގަނޑު 7:30 ގެ ކުރިން އަޅުގަނޑު ކަން. އަޅުގަނޑުގެ ޑައިޓު ދުވާލަކު ނިމުނީ. އަޅުގަނޑު ހިތުން ފަހަރެއްގައި ވެދާނެ މިއީ އެންމެ ރަނގަޅު ނޫން ގޮތަށް ވެސް. އެކަމަކު މިކަހަލެ ގޮތެއް ހިފެހެއްޓީމަ އަޅުގަނޑު ހިތުން މިކަހަލަ ގޮތަކަށް މީހާ ފެނުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކުން ސިއްހީ ނިޒާމަށް އެންމެ ގިނައިން ހަރަދުކުރާ ގައުމު ކަމަށެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައިވަނީ ބޭސް ފަރުވާއަށް ކަމަށާއި އެހެންކަމުން ބަލިތަކުން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ޕްރިވެންޝަންއަށް ކުރާ އެންމެ ރުފިޔާއަކުން 16 ރުފިޔާ ސަލާމަތް ކުރެވޭ ކަމަށްވަންޏާ ފިނޭންސް މިނިސްޓަރު ބަޖެޓު ހައްދަވާއިރުގައި އެންމެ މުހިންމުކަމެއް ދޭންވީ އެއް ދާއިރާ މި ފެނުނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބަލިވުމުން ބޭސްކުރުމުގެ ބަދަލުގައި ވިސްނުން ބަހައްޓަންވީ ބަލިތަކުން ރައްކާތެރިވެވޭނެ އާދަތައް ދިރިއުޅުމުގައި ހިމެނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު