ބްރެޒިލް ގައުމީ ޓީމުން ގަތަރު ވޯލްޑް ކަޕަށް ދާ 26 ކުޅުންތެރިންގެ ރަސްމީ ސްކޮޑު މިރޭ އިއުލާނު ކޮށްފިއެވެ.
ބްރެޒިލުން ވޯލްޑް ކަޕަށް ގެންދާ ކުޅުންތެރިންގެ ސްކޮޑަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ އިރު، މިރޭ ކޯޗު ޓީޓޭ އިއުލާން ކުރި ސްކޮޑުގައި އެންމެ ފާހަގަކޮށްލެވުނީ އާސެނަލްގެ ގެބްރިއަލް ޖީސަސްއާއި ގެބްރިއަލް މާޓިނެލީއަށް ފުރުސަތު ދީފައިވުމެވެ. އެ ދެ ކުޅުންތެރިން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އެންމެފަހުން ބްރެޒިލުން ޓިއުނީޝިއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ސްކޮޑުގައިވެސް ހިމަނައިފައެއް ނުވެއެވެ. އެކަމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.
ޖީސަސް އަލުން ގައުމީ ޓީމަށް ނަގައިފައިވަނީ 2021 ވަނަ އަހަރު ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށެވެ. އޭރު ޖީސަސް މެންޗެސްޓާ ސިޓީގައި ކުޅެމުން ގޮސްފައިވާ އިރު، އެ ކްލަބުގައި ފެނުނީ ދަށް ފޯމެއްގައެވެ. ޖީސަސް މިހާތަނަށް މި ސީޒަނުގައި އާސެނަލަށް ކުޅުނު 13 މެޗުން ވަނީ ފަސް ގޯލު ޖަހައިފައެވެ.
މީގެ ކުރިން ބްރެޒިލާއެކު ބޮޑު މުބާރާތެއް ކުޅެފައި ނުވާ އުމުރުން 21 އަހަރުގެ މާޓިނެލީ މިއަހަރު ގައުމީ ޓީމަށް ތިން މެޗެއް ކުޅެފައިވެއެވެ. އެއީ އޭނާގެ ކެރިއަރުގައި ގައުމީ ސީނިއާ ޓީމަށް ކުޅުނު ހަމައެކަނި މެޗުތައްވެސް މެއެވެ.
ބްރެޒިލުން އިއުލާން ކުރި ސްކޮޑަށް ބަލާއިރު، ގައުމީ ޓީމަށް 55 މެޗު ކުޅެ، 17 ގޯލު ޖަހައިދީފައިވާ ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯއަށް ޖާގަ ދީފައެއް ނުވެއެވެ. އޭގެ އިތުރުން ދެން ފާހަގަކޮށްލެވުނީ އުމުރުން 39 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު، ޑެނީ އަލްވޭސްއަށް ޖާގަ ދީފައިވާ ކަމެވެ.
ގައުމީ ޓީމަށް 124 މެޗު ކުޅެފައިވާ އަލްވޭސްއަށް ކޯޗު ޓީޓޭ ފުރުސަތު ދީފައިވާ އިރު، އަލްވޭސް ވަނީ 2020 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ބްރެޒިލް ޓީމުގައިވެސް ކުޅެފައެވެ. މިވަގުތު އަލްވޭސް ކުޅެމުންދަނީ މެކްސިކޯ ލީގުގެ ކްލަބު ޔުނިވާސިޑާޑް ނޭސިއޮނޯލަށެވެ.
ބްރެޒިލުން ވަނީ ރެކޯޑު ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ 1958، 1962، 1970 ވަނަ އަހަރުގެ އިތުރުން 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. 2002 ވަނަ އަހަރުގެ ފަހުން ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ނުވުމަކީ އެގައުމުގެ ފުޓުބޯޅައަށް އޮތް އެންމެ ބޮޑު ފަޅުކަމެވެ. އަބަދުވެސް ގިނަ ތަރިންތަކަކާއެކު ވޯލްޑް ކަޕަށް ދާ ބްރެޒިލަށް 2014 ވަނަ އަހަރު އަމިއްލަ ގައުމުގައިވެސް ކުރިމަތިވީ މާޔުސްކަމާއެވެ. ހާއްސަކޮށް އެފަހަރުގެ ސެމީ ފައިނަލުގައި ބްރެޒިލުން ޖަރުމަނު ކައިރިން ބަލިވީ ލަދުވެތި، 7-1 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސާބިއާއާއި ސްވިޒަލޭންޑް އަދި ކެމަރޫނެވެ.
- އެލިސަން ބެކާ، ލިވަޕޫލް
- އެޑަސަން، މެންޗެސްޓާ ސިޓީ
- ވެވާޓަން، ޕަލްމޭރިއަސް
- ޑެނީ އަލްވޭސް، ޔުނިވާސިޑާޑް ނޭސިއޮނޯލަ
- ޑެނީލޯ، ޔުވެންޓަސް
- އެލެކްސް ޓެޔެސް، ސެވިއްޔާ
- އެލެކްސް ސާންޑްރޯ، ޔުވެންޓަސް
- ތިއާގޯ ސިލްވާ، ޗެލްސީ
- މާކީނިއޯސް، ޕީއެސްޖީ
- އެޑާ މިލިޓާއޯ، ރެއާލް މެޑްރިޑް
- ގްލީސޮން ބްރެމާ، ޔުވެންޓަސް
- ކަސެމޭރޯ، މެންޗެސްޓާ ޔުނައިޓެޑް
- ބްރޫނޯ ގިމަރޭސް، ނިއުކާސަލް ޔުނައިޓެޑް
- ފަބީނިއޯ، ލިވަޕޫލް
- ލޫކަސް ޕަކޭޓާ، ވެސްޓް ހަމް
- ފްރެޑް، މެންޗެސްޓާ ޔުނައިޓެޑް
- އެވަޓަން ރިބެރޯ، ފްލެމިންގޯ
- އެންޓޮނީ، މެންޗެސްޓާ ޔުނައިޓެޑް
- ގެބްރިއަލް ޖީސަސް، އާސެނަލް
- ގްބްރިއަލް މާޓިނެލީ، އާސެނަލް
- ޕެޑްރޯ، ފްލެމިންގޯ
- ރަފީނިއާ، ބާސެލޯނާ
- ރިޗާލްސަން، ޓޮޓެންހަމް
- ރޮޑްރީގޯ، ރެއާލް މެޑްރިޑް
- ވިނީޝިއަސް ޖޫނިއާ، ރެއާލް މެޑްރިޑް
- ނޭމާ، ޕީއެސްޖީ
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022