ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެއިން ދީފައިވާ ބިމެއް އެޕްލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދީފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ވަނީ 2018 ވަނަ އަހަރު ޓްރޭނިން ފެސިލިޓީއެއް ހެދުމަށް އެފްއޭއެމްއަށް 23،000 އަކަފޫޓުގެ ބިމެއް ދީފައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރް "ވަން" އަށް މިރޭ ވިދާޅުވީ، ޓްރޭނިން ފެސިލިޓީއެއް އެޅުމަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމުން އެޕޯލޯ ކުންފުންޏަށް 5،000 އަކަފުޓޫގެ ބިމެއް އެފްއޭއެމުން ދީފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.

"އެޗްޑީސީ އާއި އެފްއޭއެމްއާ ދެމެދު ވެވުނު އެއްބަސްވުމާ ހިލާފަށް ބިން ދޫކޮށްފައިވަނީ. އެފްއޭއެމުން ބިން ދީފައިވަނީ އެޗްޑީސީއަށް ވެސް އެނގިގެނެއް ނޫން،" މަޝާރު ވިދާޅުވިއެވެ.

މަޝާރު ވިދާޅުވީ، އެއްބަސްވުމާ ހިލާފަށް އެފްއޭއެމުން އެޕޯލޯ ކުންފުންޏަށް ބިން ދިން މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެޗްޑީސީ އާއި އެފްއޭއެމާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް އެފްއޭއެމުން ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުމާމެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް މަޝާރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެފްއޭއެމް އާއި އެޕޯލާއާ ދެމެދު ސޮއިކޮށްފައިވާ ސްޓެލްމެންޓް އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 13 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި އެޕޯލޯ ކުންފުނިން މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެފްއޭއެމްއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދައުވާއަށް އެފްއޭއެމްއިން ޖަވާބުދާރީވެފައި ވަނިކޮށް، އެޕޯލޯ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އޮކްޓޫބަރު 31 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި ވަނީ އެޕޯލޯ ކުންފުންޏަށް ދައްކަންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް އެދޭ ކަމަށެވެ.

މުހައްމަދު ވަހީދު އެދުނު ގޮތަށް އެފްއޭއެމުން އެއްބަސްވެފައިވާތީ ސިވިލް ކޯޓުން ހުކުމްކުރީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް 13 މިލިއަން ރުފިޔާގެ ދަރަނީގެ ބަދަލުގައި ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް އެޕޯލާ ކުންފުންޏަށް ދިނުމަށެވެ.