ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަމައެކަނި 100 ޕަސެންޓް ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގަވާއިދު ހެދުމާ ގުޅިގެން ބްރޯޑްކޮމްއާއި ދެކޮޅަށް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގުން ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު ބްރޯޑްކޮމުން ނެރުނު ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި، ޓެލްކޯ އެވެ.
ބްރޯޑްކާސްޓިން ލައިސަންސް އާކުރަން މިދިޔަ ޖުލައި މަހު ދިރާގުން ހުށަހެޅުމުން ބްރޯޑްކޮމުން ވަނީ އާ ގަވާއިދުގެ ދަށުން ލައިސަންސް ދެވެން ނެތް ކަމަށް އެ ކުންފުންޏަށް އަންގައިފައެވެ. އެ ގަވާއިދާއެކު ދިރާގު ޓީވީއަށް 2013 ގައި ދީފައިވާ ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީގައި ހަމަވުމުން ހިދުމަތް ހުއްޓާލަން މަޖުބޫރުވާނެއެވެ.
ދިރާގުން ހައިކޯޓަށް ހުށަހަޅާފައި ވަނީ ބްރޯޑްކޮމުން އެކުލަވާލި ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އަށް ވަނަ މާއްދާ ބާތިލު ކޮށްދިނުމަށެވެ. ގަވާއިދުގެ އަށްވަނަ މާއްދާއަކީ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރުގައި ބުނެފައި ވަނީ ރީ-ބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ވާންޖެހޭނެ ކަމަށެވެ.
ބްރޯޑްކޮމްއާ ދެކޮޅަށް ހައިކޯޓަށް ދިރާގުން ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް މިހާރު ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު