އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް ފޯރި 2022 ކެމްޕެއިންގެ ތެރެއިން ވޯލްޑް ކަޕްގެ މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީޑްރޯގެ ނަސީބުވެރިން ހޮވުން މިރޭ އޮންނާނެއެވެ.

އުރީދޫގެ ވޯލްޑް ކަޕް ފޯރި ކުރިއަށް ގެންދިޔައީ މިދިޔަ އޮގަސްޓް މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

އެ ކެމްޕެއިންގެ ދަށުން ފެށި ލަކީޑްރޯގެ ދަށުން އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ ސެމީ ފައިނަލް މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު އުރީދޫގެ ހަތަރު ކަސްޓަމަރަކަށް ލިބޭނެއެވެ. ސެމީ ފައިނަލް ބަލައިލުމުގެ ފުރުސަތުގެ އިތުރުން ލަކީޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ވޯލްޑް ކަޕް މާޗެންޑައިޒްއާއި އެހެނިހެން އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ލަކީޑްރޯ ނަގާނީ ވޯލްޑް ކަޕް ފޯރި ކުރިއަށްދިޔަ މުއްދަތުގައި އުރީދޫ ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލް ޕޭމަންޓާއި އާ ޕްލޭނަކަށް އަޕްގްރޭޑް ކުރި ކަސްޓަމަރުން ނުވަތަ ސަބްސްކްރައިބް ކުރި ކަސްޓަމަރުންގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރި ކުރި ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާގެ ހިދުމަތް ބޭނުންކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައެވެ.

މި ލަކީޑްރޯގެ ނަސީބުވެރިން ނެގުން ކުރިއަށްދާނީ މިރޭ 11 ޖަހާއިރުއެވެ. ލަކީޑްރޯ ރާއްޖެޓީވީން ވަގުތުން ދައްކާނެއެވެ.