ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ދިހަ މީހުންގެ ތެރެއިން ހަތް މީހެއްގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދިހަ މީހެއްގެ މައްޗަށް އުފުލިއެވެ.
- 1. ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
- 2. ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28އ)
- 3. ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
- 4. ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
- 5. ކ. މާލެ / ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
- 6. ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
- 7. ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
- 8. ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
- 9. ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
- 10. ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ).
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ، އެ މީހުންގެ ތެރެއިން އިރުފާން ތަގިއްޔުއާއި މުހައްމަދު އަކްރަމްގެ އިތުރުން އަހުމަދު ނަސީރު ފިޔަވައި ދެން ތިބި މީހުންނަށްކުރާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެންގޮސްފައިވާކަން މި މަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ، އިރުފާންއާއި އަކްރަމްގެ އިތުރުން ނަސީރަށް ކުރާ ދައުވާ އިތުރަށް މުރާޖައާ ކޮށްފި ނަމަ އެ ދައުވާތައްވެސް އަނބުރާ ދައުލަތުން ގެންދާނެ ކަމަށެވެ.
އިރުފާނަކީ މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުުކުރާ މީހާއެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި މަސްތުވާތަކެތި ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެެވެ. ނަމަވެސް އެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލައިގައި ދެން އޮންނާނީ، ހެކި ހާމަކުރުމުގެ މަރުހަލާއެވެ. އެ އަޑުއެހުން މިމަހުގެ 29 ވަނަ ދުވަހު ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު