ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިންމަސްދުވަހުގެ މުއްދަތަކަށް އިތުރުކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނަސް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެމްބަރުންގެ ތެރެއިން 56 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ގާނޫނަށް ގެންނަން މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި ވަނީ 90 ދުވަހަށް އެމީހަކު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ދީފައެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ތަހުގީގު މުއްދަތު އިތުރުކުރުމަށް ފުލުހުން ބޭނުންވާނަމަ، ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. މިހާރު ގާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށުގެ ގޮތުގައި 12 ކުށެއް ވަނީ މީގެ ކުރިން ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް، ޓްރެފިކު ކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.