ބަނޑޭރި ކޮށި އެކެއް އަދި ދޭ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ވީހާވެސް ގިނަ ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން ލިބިދޭނެފަދަ ގޮތަކަށްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ސިފައިންނަކީ، ހާލަތާއި ވަގުތާއި ތަނަށް ރިއާޔަތްކޮށް އާއިލާއާ ދުރުގައި ރެއާއިދުވާލު ގައުމީ ހިދުމަތުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށްވުމުން، ސިފައިންނަށް ދޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއާގެ ހިދުމަތްތައް ރަނގަޅުކޮށް ތަރައްގީކުރުމުގެ މަސައްކަތަކީ، ރައީސް އަދި ސިފައިންގެ ކޮމާންޑާ އިން ޗީފް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަމެއް ކަމަށެވެ.

އެގޮތުން، ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްގީކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން އަދި އެމްއެންޑީއެފުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސިފައިން ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުޅާވެ ތަރައްގީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އެ ހިދުމަތާ ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަހަޅާ ނިސްބަތް އިތުރުވަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންވެ، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެކަމަށް މި އަހަރުގެ ސިފައިންގެ ދުވަހު ރައީސް މުއިއްޒު ވަނީ އިއުލާންކުރައްވާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި އެކެއް އަދި ދޭ އަލުން ތަރައްގީކޮށް، ވީހާވެސް ގިނަ އަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ހިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް މި ދަނީ ކުރަމުންނެވެ." އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، އެކަން ކުރުމުގައި އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށްޓަކައި، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބަނޑޭރިކޮށި އެކެއް ތަރައްގީކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފުން ދަނީ ވަމުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބަނޑޭރިކޮށި އެކަކުން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެ ފަރާތްތަކަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތުގެ މައުލޫމާތު ހިއްސާކޮށް، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި، ހައްލުތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ބަނޑޭރިކޮށި އެކެއް ތަރައްގީކުރުމާއެކު، މިހާރު ބަނޑޭރިކޮށި އެކެއްގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްގީކުރާ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށްކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ މަޝްރޫއު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ހިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ރައީސްގެ އަމާޒަކީ 2040 އަންނަ އިރު ސިފައިންނަކީ ވަސީލަތްތައް ފުރިހަމަވެފައިވާ ތަރައްގީވެފައިވާ ގައުމުތަކުގައި ސިފައިންގެ ހިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.