އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމުގައި ކުދި ގައުމުތަކުގެ ބައިވެރިވުން ކަށަވަރުކޮށް، މަދުން ބޭނުންކުރާ ބަސްތައް ހިމާޔަތްކުރުމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިކަމަށް ގޮވާލެއްވީ އަޒަރުބައިޖާންގެ ބަކޫގައި ބޭއްވި ސްޕެޝަލް ޖޮއިންޓް ސެޝަން އަދި ބާކޫ ޕްރޮސެސްގެ ހަވަނަ މިނިސްޓީރިއަލް ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއިން ދެކޭ ގޮތުގައި އެންމެން ބައިވެރިވާ ޑިޖިޓަލް މުސްތަގުބަލަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް، އެ ގައުމެއްގެ ރައްޔިތުންނާއި ބަހާއި ސަގާފީ އަމިއްލަވަންތަކަމަށް ނުފޫޒު ފޯރުވާ ފަންނިއްޔާތުތައް ބައްޓަންކުރުމުގެ ފުރުސަތު އެ ގައުމަކަށް ލިބިފައި އޮތުމެވެ.
ޑިޖިޓަލް ވަސީލަތްތަކާއި އޭއައި މެދުވެރިކޮށް މީހުން ކުރިއަށް ވުރެ ބޮޑަށް ގުޅުވައިދިން ނަމަވެސް، އެ ވަސީލަތްތަކުގެ ބޭނުން ފަރުވާތެރިކަމާއެކު ނުހިފައިފި ނަމަ ނުރަނގަޅު މައުލޫމާތު ފެތުރުމާއި، ކުށްހީތައް އުފެއްދުމާއި، މުޖުތަމައު ބައިބައިވުމަށް މަގުފަހިވާ ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އަދި އޭއައި ނިޒާމުތައް ބިނާވެފައިވަނީ ފުރިހަމަ ނޫން މައުލޫމާތުގެ މައްޗަށް ނުވަތަ ވަކި ފަރާތަކަށް ލެނބިފައިވާ ތައައްސަބީ ވިސްނުންތަކެއްގެ މައްޗަށް ކަމުގައިވާ ނަމަ، އޮޅުންތަކާއި ނުރަނގަޅު ދޭހަތައް ބޮޑު މިންވަރަކަށް ފެތުރިގެންދާނެ ކަމަށް އެކަމަނާ އިންޒާރުދެއްވިއެވެ.
"އާޓިފިޝަލް އިންޓެލިޖެންސް ވާންޖެހޭނީ އިންސާނީ ދޭހަވުންތައް ކުރިއަރުވައިދޭ ވަސީލަތަކަށް. އެއީ އިންސާނުންގެ މެދުގައި ހުންނަ ތައައްސަބީ ވިސްނުންތައް އޮޓޮމޭޓްކުރާ އެއްޗަކަށް ވެގެންނުވާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޑިޖިޓަލް ވަސީލަތްތަކުގައި ވަކި ބަސްތަކާއި ވިސްނުންތައް ތަމްސީލުވެފައިވާ މިންވަރު ކުޑަ ނަމަ، އެ ބަސްބަހުން ވާހަކަދައްކާ މީހުންގެ އަޑު އިލްމީ ނިޒާމުތަކުގެ ތެރޭގައި ގެއްލިގެންދިއުމުގެ ބިރު އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، ދިވެހިބަހުން ޓެކްނޮލޮޖީގެ ބަދަލުތަކުގައި މާނަހުރި ގޮތެއްގައި ބައިވެރިވުމުގެ ގާބިލުކަން ދިވެހީންގެ ކިބައިގައި ހުންނަންޖެހޭ ކަމަށާއި، ބަހަކަށް ޑިޖިޓަލް މުސްތަގުބަލުގައި ލިބޭ ޖާގައަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީގެ ކުޑަބޮޑުމިނަށް ބިނާވާ ކަމަކަށް ވެގެން ނުވާނެ ކަމަށް އެކަމަނާ ތަކުރާރުކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގެންގުޅުއްވާ "ވިޝަން 2040" އާއި "މޯލްޑިވްސް 2.0" ޓްރާންސްފޮމޭޝަން އެޖެންޑާއަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ފަންނިއްޔާތުގެ ކުރިއެރުން ބައްޓަންކުރަންވާނީ ގައުމީ އަމިއްލަވަންތަކަމާއި ތަރިކައާއި ސަގާފީ އަގުތައް ހިމާޔަތްކުރަމުން ކަމަށެވެ. އަދި މި މަސައްކަތުގައި ޒުވާނުންނަކީ މައިގަނޑު އަސާސަކަށް ހަދައި، ސްކޫލްތަކާއި ކުތުބުހާނާތައް މެދުވެރިކޮށް އޭއައިއިން ލިބޭ ނަތީޖާއާ މެދު ސުވާލު އުފެއްދުމަށާއި، ތެދާއި ދޮގު ވަކިކުރުމުގެ ގާބިލުކަން އެކުދިންގެ ކިބައިގައި އަށަގަންނުވަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުތަކާއި، ޓެކްނޮލޮޖީ އުފައްދާ ފަރާތްތަކާއި، ތައުލީމީ އިދާރާތަކާއި، މީޑިއާ އަދި މަދަނީ ޖަމިއްޔާތަކުގެ މެދުގައި ބައިނަލްއަގުވާމީ ފެންވަރުގައި ވަރުގަދަ އެއްބާރުލުމެއް ބޭނުންވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ބައިވެރިވާ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ގައުމީ ބޭނުންތަކާ ގުޅުވާލައި، ފައިސާގެ އެހީތެރިކަމާއި ކަނޑައެޅިފައިވާ ތާވަލަކާއި ޒިންމާދާރު ފޯކަލް ޕޮއިންޓްތަކެއް ހަމަޖެއްސުމަށް އެކަމަނާ ގޮވާލެއްވިއެވެ.
އަދި ދިވެހިބަހުގެ ވަސީލަތްތަކާއި، ޒިންމާދާރު އޭއައި ބޭނުންކުރުމާއި، ސަގާފީ ހިޔާލު ބަދަލުކުރުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނޭ އަމަލީ ޕައިލެޓް މަޝްރޫއެއްގައި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި، އޭގެ ސަބަބުން ތަރައްގީވަމުން އަންނަ އެހެން ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ކޮމެންޓް