މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ ފުލް ކޮންޓޭނަރު ލޯޑް (އެފްސީއެލް) ކޮންޓޭނަރުތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އަށް ބަދަލުކޮށް، އެ ޓާމިނަލްގައި މިއަދު އެ ހިދުމަތް ފަށައިފިއެވެ.

ތިލަފުށީގައި މި ހިދުމަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން އެ ރަށުގައި ހެދި 100 މީޓަރުގެ ކީވޯލްގެ ސަރަހައްދުގައެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ އޮޕަރޭޝަނެވެ.

އެމްޕީއެލުން އެންމެ ފުރަތަމަ ފެށީ ޑައިރެކްޓް ޑެލިވަރީ (ޑީއާރް) ގެ ގޮތުގައި އެފްސީއެލް ކޮންޓޭނަރު ކަނޑުމަގުން ކްލިއާކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރު ބޭލުމުގެ ހިދުމަތެވެ. އެހެންނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީއާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ކްލިއާކުރެވޭނެއެވެ.

27 އޮކްޓޯބަރު 2026، އެމްޕީއެލުން ތިލަފުށި ކާގޯ ޓާމިނަލްގައި އެފްސީއެލް ކޮންޓޭނަރު ކްލިއާކުރަން ފެށުން -- ފޮޓޯ/ އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރުތަކުގެ ތެރެއިން ބޮޑު ބައެއް ކަނޑުމަގުން ކްލިއާކުރާ އިރު، އޭގެ ތެރޭގައި ގިނައީ އެފްސީއެލް ކޮންޓޭނަރެވެ. ޑީއާރްގެ ގިނަ ކޮންޓޭނަރުތައް ކަނޑުމަގުން ކްލިއާކުރަމުން އައީ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ކަމަށްވާތީ، މި އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ އެ ޓާމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެއް ކަމަށް އެމްޕީއެލުން ދެކެއެވެ.

މި ބަދަލާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ، ކާގޯ ކްލިއަރަންސްގެ ހިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތިލަފުށީގައި ކުރިއަށްއޮތް ތަނުގައި "ލެސް ދެން ކޮންޓޭނަރު ލޯޑް" (އެލްސީއެލް) ގެ ގޮތުގައި ގެންނަ ކާގޯ ކްލިއާކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށް ޝަފީގް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އެކި މަސައްކަތްތައް ކުރިއަށްދާ އިރު، ތިލަފުށި ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ދަނީ ކުރަމުންނެވެ. އެ ކީވޯލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ. މީގެ އިތުރުން، 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ސީއެޗްއީސީން ވަނީ ފަށައިފައެވެ.

27 އޮކްޓޯބަރު 2026، އެމްޕީއެލުން ތިލަފުށި ކާގޯ ޓާމިނަލްގައި އެފްސީއެލް ކޮންޓޭނަރު ކްލިއާކުރަން ފެށުން -- ފޮޓޯ/ އެމްޕީއެލް

ސަރުކާރުން މައުލޫމާތުދޭ ގޮތުގައި ތިލަފުށީގައި ގާއިމުކުރެވޭ 60 ހެކްޓަރުގެ ޖާގައިގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓެއިނަރު ގެންގުޅުމުގެ ޖާގަ ހެދޭނެއެވެ. އަދި މުޅި މަޝްރޫއު ނިމިގެންދާއިރު މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް ކޮންޓެއިނަރުގެ ކެޕޭސިޓީ އިތުރުކުރެވޭނެއެވެ. ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައެވެ. މި ކީ-ވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގަ އޮންނާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ބަނދަރުގައި ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަ ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއް ހެދޭނެއެވެ. އަދި މި ބަނދަރުގައި ގާއިމުކުރެވޭ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާއެކު، މުދާ ބަރުކޮށް ބާލައި ހެދުން ގާތްގަނޑަކަށް ދެ ދުވަހުގެ ޓާން އަރައުންޑް ޓައިމްއަކަށް ކުރުކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މާލޭ ވިޔަފާރި ބަނދަރުގައި އުޅަނދުފަހަރުން މުދާ ބަރުކޮށް ބާލައި ހެދުމުގެ މި ހިދުމަތް ދިނުމަށް މިހާރު ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ 2 ކީ ކެރޭނާއި 1 މޮބައިލް ހާބާ ކެރޭނު ގާއިމުކުރެވޭނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް މިމަހުގެ އެއްވަނަ ދުވަހު ތިލަފުއްޓަށް ވަޑައިގެންނެވުމަށްފަހު ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ނިންމައި ހުޅުވާނެއެވެ. އެ މަނިކުފާނު ވިދާޅުވީ "މި ނިމޭ މަސައްކަތްތައް ނިމޭއިރުގައި، މާލޭގައި މިހާރު މިއޮތް ޕޯޓަށްވުރެ ހަތަރުގުނަ، އިރާދަކުރެއްވިޔާ، ބޮޑުވާނެ" ކަމަށެވެ. އަދި ސައިޒުގެ ގޮތުންނާއި ކެޕޭސިޓީގެ ގޮތުންވެސް އާ ޕޯޓު ބޮޑުވާނެކަން ފާހަގަކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން "ވިޔަފާރީގެ ދާއިރާއަށް، ޖުމްލަކޮށް ރާއްޖޭގެ އިގުތިސާދަށް، އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ދޮރެއް ހުޅުވިގެންމިދަނީ،" ކަމަށް ރައީސް ވިދާޅުވިއެވެ.