ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސް ބޭރު ކޮށްލައިފިއެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވިއިރުވެސް އެ ބިލު މަޖިލީހުން ފާސްނުކުރުމަށް ކޮމިޓީ ރިޕޯޓުގައި އެދިފައިވެއެވެ.
އެ ބިލާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ނިންމުގައި ބުނެފައި ވަނީ ބިލުގައި މިހާރު އޮތް އިސްލާހުތަކާ އެކުއެކީ ގެންނަންޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށެވެ. އެ ބިލާ ގުޅޭ ގޮތުން މަޖިލިސް ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ރިއާޔަތްކުރާއިރު، ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމަކީ މިވަގުތަށް މުހިންމު ކަމެއް ނޫން ކަމަށް ކޮމެޓީ މެންބަރުން ހިޔާލު ފާޅުކުރައްވާފައިވެއެވެ.
ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ ގޮތުން ބިލުގައި ހިމެނޭ އެންމެހައި މާއްދާތައް އުނިކުރުމަށް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާތީ، ބިލުގެ މަގުސަދު ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީ މެންބަރުންގެ އިއްތިފާގުން އޮތީ ނިންމައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ބިލު މަޖިލީހުން ފާސްކުރުމަށެވެ. ނަމަވެސް ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން ބިލު ފާސްކުރަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 48 މެންބަރުން ވޯޓު ދެއްވިއެވެ.
އެގޮތަށް ފާސް ނުވުމުން ދެން ވޯޓަށް އެހީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ. އެ ވަގުތު ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން ބިލު އަނބުރާ ފޮނުވައިލުމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވިއެވެ. ނަމަވެސް 50 މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވުމުން ބިލު ވަނީ ބާތިލުކޮށްފައެވެ.