މައްސަލަތަކުގައި ކޯޓުގައި ހެކިބަސްދޭ މީހާއަށް ހިމާޔަތްދީ އެމީހާ ރައްކާތެރިކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރެވޭގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނަނީ، ޖިނާއީ މައްސަލައެއްގައި ޝަރީއަތުގައި ހެކިބަސްދޭ މީހަކީ ހިމާޔަތް ދޭންޖެހޭ މީހެއް ކަމަށް ދައުލަތަށް ގަބޫލު ކުރެވިއްޖެނަމަ، ހެކިބަސްދޭ މީހާ ހިމާޔަތް ކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

އެމީހަކީ ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވިއްޖެނަމަ، އޭނާ ހިމާޔަތް ކުރުމަށް ފުލުހުންގެ މައްޗަށާއި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމުރެއް ނެރެދިނުމުގައި ފަނޑިޔާރު ރިއާޔަތް ކުރަންވާނެ ކަންތައްވެސް ހިމަނާފައިވެއެވެ.

ހެކިބަސްދޭ މީހަކު ހިމާޔަތް ކުރުމުގެ އަމުރެއް ކޯޓުން ކުރާ ހާލަތުގައި، ފުލުހުން އެ އަމުރު ތަންފީޒު ކުރުމުގައި، އެމީހާއަށް ހިމާޔަތް ދޭންޖެހޭ މިންވަރާއި ދަރަޖަ ކަނޑައެޅުމާބެހޭ އުސޫލުތަކާއި އެނޫންވެސް އެމީހަކަށް ހިމާޔަތް ދިނުމާގުޅޭ ތަފުސީލީ އުސޫލުތައް، ފުލުހުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

އެފަދަ އަމުރެއް ނެރޭ ހާލަތުގައި، އެފަދަ ފަރާތެއްގެ ހެކިބަސް ނަގަންވާނީ، ހެކިބަސްދޭ މީހާ ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތެއްގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.