ޚަބަރު

ހައި ކޯޓުގެ ބައެއް މައްސަލަތައް އެއް ފަނޑިޔާރަށް ބެލޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ހައި ކޯޓަށް ހުށަހެޅޭ ބައެއް ބާވަތްތަކުގެ މައްސަލަތައް އެންމެ ފަނޑިޔާރަކަށް ވެސް ބެލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެބަދަލު ގެންނަން މަޖިލީހުން ފާސްކުރީ، ޖިނާއި އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި ބިލު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން މި ގާނޫނުގެ 198 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި އިތުރު ކޮށްފައިވާ ބައިގައި ބުނެފައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހަޅާ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ނުވަތަ ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެއް ފަނޑިޔާރަކަށް އެ މައްސަލައާމެދު ގޮތެއް ކަނޑައެޅިދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން މި ބިލުގައި ފާސްކޮށްފައިވެއެވެ.

އޭގެ ތެރޭގައި އެ ކި މަރުހަލާތަކުގައި ދައުވާކުރަން ގާނޫނުގައި ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށާއި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް މިހާރު ދީފައި އޮންނަ މުއްދަތުތައް އިތުރު ކުރުން ހިމެނެއެވެ. އެއާއެކު ހެކިބަސްދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރެވޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ.