ކުނި ވަސް ދުވަނީ، ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގައި ހުރި މަސް ކައްކާ ތަނަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ސްކޭޓު ޕާކް ސަރަހައްދުން ކުނި ވަހެއް ދުވާތީ އާއްމުން ކަންބޮޑުވުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ހުޅުމާލެ ސައިމާ ހިނގުމާއި ނިރޮޅު މަގު ގުޅޭ ސަރަހައްދުން ކުނި ވަސް ދުވާކަމަށް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، ސްކޭޓް ޕާކާ ދިމާ ހުސް ބިމުން ފާހަގަކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން ކުނިވަސް ދުވަނީ އެ ސަރަހައްދުގައި ހުރި މަސް ކައްކާ ތަނަކުން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ސްކޭޓް ކުރިމަތީގައި އޮންނަ ހުސް ބިމަކީ ބޯކޮށް ވިނައާއި ގަސް ހެދިފައި އޮންނަ ސަރަހައްދެކެވެ. އެތަނުގެ ތެރޭ ބޭނުންނުކުރާ ވެހިކަލާއި އެކި ޒާތުގެ ކުނިބުނި އަޅައިފައިހުރެ އެވެ.
ސްކޭޓް ޕާކު ސަރަހައްދުން ކުނިވަސް ދުވުމުން އާއްމުންގެ ސަމާލުކަން އެހާ ބޮޑަށް ހުއްޓިފައިމިވަނީ މިދިޔަ ސެޕްޓެމްބަރުގެ މަހުގެ ތެރޭ ގެއްލުނު މުހައްމަދު އަޒްހާންގެ ކުނިވެފައިވާ ހަށިގަނޑު އެ ހުސްބިމުގެ ގަސްތަކުގެ ތެރެއިން ފެނިފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު