ވިޔަފާރީގެ މަސްލަހަތަކާ ގުޅޭ މައްސަލައެެއްގައި ނާޖާއިޒު މަންފާ ހޯދައިދިންކަން ސާބިތުވެ، ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލައިގައި ބުނެފައިވަނީ، ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި އެ ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ގަޒިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް ނިޝާރު ތަނާޒުލުވުމުން އެކަމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކޮށްފައި ވަނިކޮށް ކަނޑައެޅިފައިވާ އިޖުރާއަތާ ހިލާފަށް އޭނާ އަމިއްލައަށް އެ ގަޒިއްޔާ ބެލުމާ އަލުން ހަވާލުވި ކަމަށެވެ.
ނަމަވެސް އެއީ އެ މައްސަލައިން އޭނާ ތަނާޒުލުވިއިރު އޮތް ސަބަބު ހަމަ އެގޮތުގައި އޮއްވައި ކަމަށާއި އެއީ ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ ފަހުން އެ ގަޒިއްޔާއާ ހަވާލުވެ އިސްމެޖިސްޓްރޭޓް ނިޝާރު ޝަރީއަތް ހިންގަމުންދިޔަ ގޮތުންނާއި މައްސަލާގައި ހިނގާފައި އެހެން ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ގަޒިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު، އަމިއްލައަށް އަލުން އެކަމާ ހަވާލުވެ އެ ގަޒިއްޔާ ހިންގާފައި ވަނީ އިސްމެޖިސްޓްރޭޓް ނިޝާރާއި އެ ގަޒިއްޔާގައި ދައުވާ ލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއިޒު މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މެޖިސްޓްރޭޓް އަމަލު ކޮށްފައިވުން ކަމަށް ކަނޑައަޅައި، ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އަހުމަދު ނިޝާރު މަގާމުން ވަކިކުރަން ނިންމާނީ، އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބެލުމަށްފަހު މަޖިލިސް ތަޅުމަށް ހުށަހެޅުމުން މަޖިލީހުން ވޯޓު ނަގައިގެންނެވެ.