އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ބަހުސް މާދަން ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މިދިޔަ ހަފުތާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވާފައިވާގޮތުގެމަތިން މާދަމާގެ ޖަލްސާގައި ބަޖެޓު ބަހުސް ފަށްޓަވާނެ ކަމަށެވެ.
ތާވަލު ކޮށްފައި ވަނީ، މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް ބަހުސް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބުރާސްފަތި ދުވަހުގެ ރެއަށް ބަހުސް ނުނިމިއްޖެނަމަ އެދިވަޑައިގެންފައި ތިއްބެވި ބޭފުޅުން ބަޖެޓަށް ވާހަކަ ދައްކަވައި ނިމެންދެން ބަހުސް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓް ބަހުސް އަވަހަށް ނިންމުމުގެ ގޮތުން މާދަމާއިން ފެށިގެން، ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 10:00 އާއި ހަމަޔަށް ބަޖެޓު ބަހުސް ކުރިއަށްގެންދަވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް މާދަމާ ހެނދުނުން ފެށިގެން ފުރުސަތު އޮންނާނީ ހުޅުވިފައި ކަމަށާއި، ނަމަވެސް ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް ބޭނުންވެވަޑައިގަންނަވާ ބޭފުޅުން ފުރުސަތަށް އެދިވަޑައިގެންނެވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޖަލްސާގައި ބަހުސް ކުރިއަށްދާއިރު، ވާހަކަދައްކަވަން އެދި ވަޑައިގެންނެވި ބޭފުޅުން ޖަލްސާގައި ނެތް ނަމަ ޖަލްސާ ނިންމަވައިލައްވާނެ ކަމަށާއި، ނަމަވެސް ފުރުސަތަށް އެދިވަޑައިގެންނެވި މެންބަރުން މަޖިލިސް ތަޅުމުގައި ތިއްބެވި ނަމަ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަން ކޮންމެ މެންބަރަކަށްވެސް ލިބިވަޑައިގަންނަވާނީ 15 މިނިޓުގެ ފުރުސަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު