އެޕަލް އައިފޯނުތަކުގެ އެންމެ ބޮޑު ވާދަވެރިޔާ ސެމްސަންގް އިން ހަތަރު ވަނަ ޖީލުގެ ލައްޕާލެވޭ ފޯނުތައް ނެރުމަށް ތައްޔާރުވަމުން އަންނައިރު، އެޕަލް އިން އަދި އެކަމާ އުޅޭތަނެއް ނުފެނެއެވެ. އެހެން ނަމަވެސް އެކަން ބަދަލުވެ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފުރަތަމަ ލައްޕާލެވޭ ނުވަތަ ފަތްޖެހޭ އައިފޯނު ނެރޭނެ ކަމަށް ސެމްސަންގްގެ މޯބައިލް ޑިވިޝަންގެ މަންދޫބުން ވަނީ ބުނެފައެވެ. ސުވާލަކީ އައިފޯން އުފައްދާ އެޕަލް ކުންފުނީގެ ވާހަކަ ދައްކަން ސެމްސަންގް އަށް އެނގެނީ ކީއްވެހެއްޔެވެ.

ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ސެމްސަންގްއަކީ އައިފޯނު ތަކަށް ޑިސްޕުލޭ ބިއްލޫރި އުފައްދައިދޭފަރާތެވެ. އެގޮތުން އޮކްޓޯބަރު މަހު ސަޕްލައި ކުރާ ފަރާތްތަކާ ބައްދަލުކޮށް ސްމާޓްފޯން މާކެޓާ ބެހޭ ގޮތުން ސެމްސަންގް އިންވަނީ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާ އެކު ކުރި މަޝްވަރާތަކުން 2024 ވަނަ އަހަރު އެޕަލްއިން ފަތްޖެހޭ ފޯނު އުފެއްދުމުގެ ވާހަކަ ދެކެވިފައިވާ ކަމަށާއި ނަމަވެސް އައިފޯނުގެ ކުރިން ފޯލްޑަބަލް އައިޕެޑް ނުވަތަ މެކްބުކް ނެރުމަކީ ވެސް ވެދާނެ ކަމެއްކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

ސެމްސަންގްގެ ފަތްޖެހޭ ހަ ވަނަ ޖީލުގެ ގެލެކްސީ ޒެޑް ފްލިޕް ނުވަތަ ގެލެކްސީ ޒެޑް ފޯލްޑް ފޯނުތަކާ ވާދަކުރާ މާކަގިނަ ފޯނުތަކެއް އަދި ނުކުމެފައެއް ނެތެވެ. އެހެން ކަމުން އެޕަލް ފަތްޖެހޭ ނުވަތަ ލައްޕާލެވޭ ޑިސްޕުލޭ ހިމެނޭ އައިފޯނު ނެރުމުގެ ކުރިން އުންމީދު ކުރަނީ ފޯލްޑަބަލް އައިޕެޑް ނުވަތަ ފަހަރެއްގައި ފޯލްޑަބަލް ލެޕްޓޮޕެއް ނެރުން ކަމަށްވެސް އެޕަލް ކުންފުނީގެ ގިނަ ޑިސްޕުލޭތައް އުފައްދައިދޭ ސެމްސަންގުން ލަފާ ކުރެއެވެ.

ސަބަބަކީ އެޕަލް ކުންފުނީގެ އާ އީޖާދުތައް މަދުވެފަައިވާކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އިރު ރިސާޗް ކުންފުނި ސީސީއެސް އިން ވެސް ލަފާކުރާ ގޮތުގައި އެޕަލް އިން ފުރަތަމަ އައިޕެޑެއްގައި ލައްޕާލެވޭ ސްކްރީނެއް ޓެސްޓް ކުރާނެ ކަމަށާއި އެއީ އެޕަލްގެ އައިފޯނުތައް އެ މަގަށް ދިއުމުގެ ކުރިން އަޖުމަ ބެލުމަށެވެ. އަދި އައިފޯނަށް ލައްޕާލެވޭ އިސްކުރީން ގެނެސް ބޮޑު ބަދަލެއް ގެނައުމަށް މީހުންގެ ވިސްނުމާއި ބަލައިގަންނަވަރު ޓެސްޓް ކުރާނެ ކަމަށާއި މިވަގުތު އެޕަލް އިން ފޯލްޑަބަލް އައިފޯނެއް އުފެއްދުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ދެކޭ ބަޔަކުވެސް ތިބޭ ކަމަށް ޗީފް އެނަލިސްޓް ބެން ވުޑް އޭރު ބުނެފައިވުމެވެ.

މުޅި ދުނިޔޭގައި ގާތްގަނޑަކަށް %28 މީހުން އައިފޯން ބޭނުންކުރާއިރު އެ އަދަދު މަތި ނުވެ އެއްވަރެއްގައި ހިފެހެއްޓިފައި ހުރީ އައިފޯނު ތަކުގައި މިހާރު އާ އީޖާދެއް ނުފެންނާތީ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެހެން ކަމުން ވިޔަފާރި ކުރިއެރުވުމަށް އައިފޯނުތަކަށް ބޮޑު ބަދަލެއް ގެނައުމަކީ 2024 ގެ ކުރިންވެސް ކޮށްފާނެކަމެކެވެ.