ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ، އެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިކޮށްދެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "ވަން" އަށް މިއަދު ވިދާޅުވީ، އިސްފަނޑިޔާރުގެ މަގާމުން ވަކިކޮށްދެއްވުމަށް ފަނޑިޔާރު ހާތިފު ހުށަހެޅުއްވީ މިއަދު ކަމަށެވެ. އަދި މިހާރު ކޮމިޓީ މަރުހަލާއިން އެ ހުށަހެޅުއްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޒްމީރާ ވިދާޅުވީ ކޮމިޓީ މަރުހަލާއިން، ފަނޑިޔާރު ހާތިފްގެ ހުށަހެޅުއްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމުން އެކަމުގެ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

ފަނޑިޔާރު ހާތިފް، ހައި ކޯޓުގައި މަސައްކަތް ކުރައްވަން ފަށްޓަވާފައިވަނީ 2019 ވަނަ އަހަރުއެވެ. 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަޔަށް ފަނޑިޔާރު ހާތިފް ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމު އަދާކުރައްވައިފައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ހާތިފް ހަވާލުވެވަޑައިގެންނެވީ 2020 ވަނަ އަހަރު އެއިރު އެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން އިސްތިއުފާ ދެއްވުމުންނެވެ.