ޖިންސީ ކުށުގެ ސަބަބުން ލިބޭ އަނިޔާތަކަށް 2.7 މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު ގެޒެޓުކުރި ޖިންސީ ކުށުގެ މައްސަލަތަކުގައި ޝަރީއަތް ކުރުމުގެ ގަވާއިދު ބުނާގޮތުން، ޖިންސީ ކުށުގެ ސަބަބުން ލިބޭ އިގުތިސޯދީ އަދި ޣައިރު އިގުތިސޯދީ ގެއްލުމަށް، ކުށްކުރި މީހާ އަތުން ބަދަލު ނަގައިދެވިދާނެއެވެ.

ޖިންސީ ކުށުގެ ސަބަބުން ލިބޭ އަނިޔާތަކަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ ކުށެއްގެ ސަބަބުން ސިއްހީ ގޮތުން ލިބުނު ގެއްލުމަކަށް ބަލައިގެންނެވެ. ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގެ ބާރު އެ ގާނޫނުން ދީފައި އޮތީ ކޯޓުތަކަށެވެ.

އެ ގަވާއިދުގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް ނަގައިދެވޭނީ އަތާއި ފައިގެ ހަރަކާތާއި ހިއްސު ކެނޑުމުންނެވެ. އެފަދަ ކަންކަމަށް ނަގައިދެވޭނީ 480،000 ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ސިކުނޑިއަށް ލިބޭ ގެއްލުންތަކަށް 1.9 މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ އިރު، އެންމެ ކުޑަ އަދަދެއް ނަގައިދެނީ ކަންފަތުގެ ތޫރި ހަލާކުވުމަށެވެ. އެއީ 5،500 ރުފިޔާއެވެ.

އެ ގަވާއިދުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވެފައި ނެތަސް އަދި އެ މީހާގެ މައްޗަށް ދައުވާ ކޮށްފައި ނެތަސް، ޖިންސީ ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދެވިދާނެއެވެ.

އެ ގަވާއިދުގައިވާ ގޮތުން ޖިންސީ ކުށުގެ ގާނޫނުގެ ދައުވާކުރާ ޖިނާއީ މައްސަލަތައް ކޯޓުގައި ރަޖިސްޓްރީކުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ހަ މަސް ތެރޭގައި ދަށު ކޯޓުން ނިންމަން ޖެހެއެވެ. އަދި އިސްތިއުނާފު ކުރާ މައްސަލަތައް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ގިނަވެގެން 90 ދުވަސް (ތިން މަސް ދުވަހުގެ) ތެރޭގައި ނިންމަން ޖެހޭނެއެވެ.

ގަވާއިދުގައިވާ ގޮތުން ޖިންސީ ކުށުގެ މައްސަލަތަކުގައި މިހާރު ކޯޓަށް ހުށަހަޅާފައިވާ ނަމަވެސް ޝަރީއަތް އަދި ފަށާފައި ނުވާ މައްސަލަތަކުގައިވެސް އަމަލު ކުރަން ޖެހޭނީ އެ ގަވާއިދުގެ ދަށުންނެވެ.