ޖިންސީ ކުށުގެ މައްސަލަތަކާ ގުޅޭ ގޮތުން ޝަރީއަތް ކުރަންޖެހޭ ގޮތް ބަޔާންކުރާ ހާއްސަ ގަވާއިދެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު އާއްމުކޮށްފިއެވެ.
އެ ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނުން ޖިންސީ ކުށްތަކާ ގުޅިގެން އަމަލުކުރުމަށް އެކަށައަޅާފައިވާ ހާއްސަ ނިޒާމުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލުތައް ބަޔާން ކުރުމާއި އެ ގާނޫނުގެ ދަށުން ރައްކާތެރިކަމުގެ އަމުރު ނެރުމުގެ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ޖިންސީ ކުށުގެ މައްސަލަތަކަށް ބަދަލު ނަގައިދެވޭނެ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.
ގަވާއިދުގައިވާ ގޮތުން، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅައި ރަޖިސްޓްރީވާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންވާނެއެވެ.
މައްސަލައެއްގައި ކުށުގެ ޝިކާރައަށްވެފައިވާ މީހާގެ ފަރާތުން ރައްކާތެރިކަމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ފަރާތުން އެދިއްޖެ ނަމަ، އެކަމަށް އެދި ކޯޓަށް ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އެ އަމުރުކުރުމާމެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ކުރާ ހުކުމެއް މަތީ ކޯޓަށް އިސްތިއުނާފަށް މައްސަލަ ހުށަހަޅައި، ރަޖިސްޓްރީވާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މައްސަލައަށް ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ގާނޫނުގެ ދަށުން ކުރާ އަމުރަކާ ބެހޭ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅައިފި ނަމަ، މައްސަލަ ރަޖިސްޓްރީވާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޖިންސި ކުށުގެ ގާނޫނުގެ ދަށުން ކުރާ ހުކުމްތަކާއި ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރުން މީހެއްގެ ނަން އުނިކުރުމަށް ކުރާ އަމުރުތައް މި ގަވާއިދަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކޮންމެ ތިން މަހުން އެއް މަހު ކޯޓުތަކުން ޑީޖޭއޭއާ ހިއްސާކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޖިންސީ ކުށުގެ ޝިކާރައަށްވާ މީހާގެ ހެކިބަސް ނެގުމުގެ ހާއްސަ އުސޫލެއް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ. އެއީ އެފަދަ މީހުންގެ ނަފުސާނީ އަދި ޖިސްމާނީ ހާލަތަށް އިސްކަން ދިނުމަށްޓަކައެވެ.
އަދި ކުށުގެ ތުހުމަތު ކުރެވޭ މީހާއާއި ކުށުގެ ޝިކާރައަށްވީ މީހާ އެއް ހާޒިރެއްގައި ތިބުމުގެ ބަދަލުގައި ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަން ވާނެ ކަމަށާއި އެގޮތުން ކުށުގެ ޝިކާރައަށްވާ މީހާއަށް ކުށުގެ ތުހުމަތު ކުރެވޭ މީހާ ނުފެންނަ ގޮތަށް ހެކިބަސް ނެގުމުގެ އިހުތިޔާރުވެސް ގަވާއިދުގެ ދަށުން ކޯޓަށް ދީފައިވެއެވެ.
ގަވާއިދުގައި ބުނީ، ހެކިބަސް ނަގާއިރު، ސުވާލުކުރުމުގައިވެސް ވަކި މިންގަނޑެއް އޮންނަންވާނެ ކަމަށެވެ. އެގޮތުން ބޭއިހުތިރާމުގެ ރާގެއްގައި ސުވާލުކޮށްގެން ނުވާނެ ކަމަށާއި އެއް ކަމަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
އަދި ކުޑަކުދިންގެ ހެކިބަސް ނަގަން ވާނީ ޝަރީއަތުގެ ބޭރުން، އެ ކުއްޖާއަށް އިތުބާރު ކުރެވޭ މީހެއްގެ ހާޒިރުގައި ވީޑިއޯ ނުވަތަ އޯޑިއޯ އިންޓަވިއުއެއް ކޮށްގެން ކަމަށްވެސް ގަވާއިދުގައިވެއެވެ.