ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން، ހިންގި ތަހުގީގުތަކަށްފަހު، ޓެރަރިޒަމްގެ ދައުވާތަކެއް އުފުލާފައިވާ ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމާ ދެކޮޅަށް ހެކިބަސް ދޭން މަޖުބޫރު ކުރަމުންދާ ކަމަށް ސިއްރު ހެކިވެރިޔަކު ބުނެފިއެވެ.
ތަސްލީމް އާއި އަލިމަނިކަކީ 6 މެއި 2021 ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މޭސްތިރިން ކަމަށް ބުނާ ދެ މީހުންނެވެ.
އޭގެ ތެރެއިން އަލިމަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހިންގި ހަރަކާތުގައި ބައިވެރިވި މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަލިމަނިކާއި ތަސްލީމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ހެއްކެއްގެ ހެކިބަސް ނެގުމެވެ. ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިވެރިޔާގެ ހެކިބަސް ނަގަން ފެށުމާ އެކު، ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނާގެ ނަން ބުނެ، ދައުވާ ލިބޭ ފަރާތްތަކާ ދެކޮޅަށް ހެކިބަސް ދިނުމަށް މަޖުބޫރުކޮށް އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެފައެއެވެ.
ސިއްރު ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ސިއްރުކަން ހާމަކޮށް ތަކުރާރުކޮށް އެކި ތުހުމަތުތައް ކުރުމާ ގުޅިގެން ދައުލަތުން ވަަނީ އަޑުއެހުން މެދުކަނޑާލަން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމްގެ އަރިހުން އެދިފައެވެ. އަދި އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން އަޑުއެހުން ފެށުމުން ދައުލަތުން ވަނީ ސިއްރު ހެކިވެރިޔާގެ ހެކިބަސް ނެގުމާ މެދު އިތުރަށް މަޝްވަރާކުރަން އެއް ދުވަސް ބޭނުންވާކަމަށް ވެސް ބުނެފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަނީ ހުޅުވާލައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު