މިއަދު ކުރިއަށްދާ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަދަ ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުހުއްޓުވާކަމީ މިހާރު އޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ފައްޔާޒު ވިދާޅުވީ، ފުލުހުން ފޮނުވައިގެން އެފަދަ ސިޔާސީ ހަރަކާތްތައް ރައީސް ސޯލިހު ނުހުއްޓުވި ނަމަވެސް މީގެ ފަސް އަހަރު ކުރިން މަންޒަރު ވަރަށް ތަފާތު ކަމަށެވެ. އޭރު ވޯޓު ފޮށި ބަލައި ދިޔައީ ފުލުހުން ކަމަށްވެސް ވިދާޅުވިއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި މައްސަލަ ޖެހި ފުލުހުން އެތަނަށް ގޮސްގެން އުފެދުުނު ހަމަނުޖެހުމަށް އިޝާރާތް ކުރައްވައެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ރައީސް ޔާމީންވެސް ވަނީ އެމްޑީޕީއަށް ހަމަލާއެއް ދެއްވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ އެތެރޭގެ އިންތިހާބަކީ ވަރަށް ޑިމޮކްރެޓިކްކޮށް ކުރިއަށްގެންދާ އިންތިހާބެއް ކަމަށާއި އެ އިންތިހާބު ކުރިއަށްދާ ގޮތް ބަލައި އެކަމަށް އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރަންޖެހޭ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ވެރިކަން ކުރާ، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ސިމެންތި ގަށާ މެޝިނަށާއި ޓައްޕާއި ކޮތަޅަށް ވެސް ވޯޓުލިއެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، "އަޅުގަނޑުމެން ޓައްޕުތަކަށް އަޅައިގެންތޯ މި ވޯޓުދެނީ، ގަށާ މެށިނުގައިތޯ. އަޅުގަނޑުމެންގެ ކަރުދާސް މިހިރީ، އަޅުގަނޑުމެންގެ ވޯޓު ކަރުދާސް އުވަގަށާ މެޝިނަކު ނެތެއްނު. ޓައްޕުތަކަކު ބާލިދީއަކު ނޫނެއްނު މި ތަކެތި އުފުލަނީ. ދެން އެމްޑީޕީ ޑިމޮކްރަސީގެ ވާހަަކަ ނުދައްކާށޭ ބުނޭ. މުޅި ރާއްޖެ ވިއްކާލައިފައެއްނު އެ އޮތީ. އެހެންވީމަ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އެކަހަަލަ ވާހަކަ ނުދައްކާ ތިބޭނީ ގޭގަ،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު