ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ދިވެހިރާއްޖެއަށް ޖުޒާމްބަލި ތައާރަފުވުމުގައި ފޯޅަވަހީގެ ދައުރު!

އިމާދު ލަތީފު

ޖުޒާމްބަލި ނުވަތަ ލެޕްރަސީއަކީ އެންމެ ކުރީޒަމާނުގައި ދިވެހިން ދަންނަ ބައްޔެއް ނޫނެވެ. މިބަލި ރާއްޖޭގެ ހަފޮޅުން އެތެރެވިކަމަށް ބެލެވެނީ މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައެވެ. އެހެންތަކެތިވެސް ދިވެހިރާއްޖެއަށް ތައާރަފުވުމުގައި އިންޑިޔާގެ ދައުރެއް އޮންނަފަދައިން މިބަލި ރާއްޖެއަށް ތައާރަފުވުމުގައިވެސް ފެންނާންއޮތީ އިންޑިޔާގެ ދައުރެކެވެ. ވަރަށް ބޮޑަށް ގަބޫލުކުރެވިފައިވާގޮތުން މިބަލި އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފުވީ އިންޑިޔާގެ ގުޖަރާތު ސްޓޭޓްގެ ސޫރަތޭ ކިޔުނު ރަށުން ފުރައިގެން ދިވެހިރާއްޖޭގެ ދެކުނުން ދަތުރުކުރި ނަވެއް ނުވަތަ ގުރާބެއް ހުވަދުއަތޮޅުގެ ފަރަކަށް އުރި، އޭގައިތިބި މީހުންގެ ފަރާތުންނެވެ. އޭގައި ގިނައިން ތިބިކަމަށްވަނީ ލެޕްރަސީ ބަލިމީހުންނެވެ. އެދުވަސްވަރު ރާއްޖޭގެ ތަޚުތުގައި އިންނެވީ ސުލްތާން ހަސަން ނޫރައްދީނު އެއްވަނައެވެ.

މިދެންނެވި ނައު، ހުވަދުއަތޮޅުގެ އިރުމަތީބިތުގެ ރަށަކަށް އުރުމުގެ ފަހުންވެސް ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑުއަށް މިޒާތުގެ ލެޕްރަސީ ގުރާބުތައް އުރިފައިވެއެވެ. އެގޮތަށް ދިމާވެފައިވަނީ މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވައްސަކީ ލެޕްރަސީބަލި ޖެހިފައިވާ މީހުން އެކަހެރިކުރާ ރަށެއްކަމަށް ހަމަޖެހި އިންޑިޔާއިން އެފަދަ މީހުން ފޯޅަވައްސަށް ފޮނުވުމުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނަށް އާދެވިގެންނެވެ. ފަރަންސޭސިންވެސް އަދި އިނގިރޭސިންވެސް ފޯޅަވަހި އެންމެ ފުރަތަމަ ބޭނުންކުރީ ބަލިމީހުން ބައިތިއްބާ ރަށެއްގެ ގޮތުގައެވެ. އެދުވަސްވަރު އިންޑިޔާގައި އޮތީ އިނގިރޭސީންގެ ވެރިކަމެވެ. ދިވެހިރާއްޖޭގެ ދެކުނަށް އުރުނީ މިޒާތުގެ ކިތައް ގުރާބުކަން ސާފެއް ނޫނެވެ. އެކަމަކު ގުރާބުތަކެއް އުރުނުކަން ވަރަށް ސާފެވެ.

ކުރިން ދެންނެވި ބީދައިން މިބަލި ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރުނީ ރާއްޖޭގެ އެންމެ ދެކުނުގައެވެ. ވަކިން ޚާއްސަކޮށް ހުވަދުއަތޮޅުގައެވެ. އެހިސާބުން ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް މިބަލީގެ އަސަރު އިސާހިތަކު ފޯރައި އެންމެނަށްވެސް މިއީ ކިހާނުރައްކާތެރި ބައްޔެެއްކަމާއި އެއްވެސް ފަންޑިތައަކަށް، ބޭހަކަށް، ފަރުވާއަކަށް ނުގުޑާ ބައްޔެއްކަންވެސް އެނގިއްޖެއެވެ. ދައުލަތުގެ ސިޔާސަތަކަށްވީ ލެޕްރަސީކަމަށް ޝައްކުކުރެވޭ އަލާމާތެއް ފެނުނަސް އެމީހަކު ނުވަތަ ބަޔަކު ވެވުނު ގޮތަކުން އެކަހެރިކޮށް ހުވަދުއަތޮޅުގައި މިކަމަށް ޚާއްސަކުރެވުނު ރަށްރަށަށް ފޮނުވައިލުމެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގެ ތެރޭގައި މިކަމަށް ކަނޑައެޅުނީ ހުވަދުއަތޮޅުގެ ދެރަށެވެ. އެއީ ހަވޮއްޑާ އާއި ފުނަދޫއެވެ.

ހަވޮއްޑާ ޚާއްސަކުރެވުނީ އަންހެނުންނަށެވެ. ފުނަދޫ ޚާއްސަކުރެވުނީ ފިރިހެނުންނަށެވެ. ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން މި ދެރަށަށް ފޮނުވައިލުމުގެ ކުރިން އެކަހެރިކޮށްފައި ބައިތިއްބަނީ އެމީހަކު ނިސްބަތްވާ ރަށެއްގެ ވަލުތެރޭގައެވެ. އެހެންނޫނީ ކައިރީގައިވާ ކޮންމެވެސް ފަޅުރަށެއްގައެވެ. މިމަގުން މިކަން ކުރުމަށް ލާޒިމުކޮށް މީލާދީން 1933 ވަނަ އަހަރުގެ ތެރޭގައި ޚާއްސަ ގާނޫނެއްވެސް ފާސްކުރިއެވެ. ހުވަދުއަތޮޅުގެ ދެރަށެއް މިކަމަށް ޚާއްސަކުރީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން މިބަލިޖެހިފައިވާ އެންމެ ގިނަބަޔަކު ތިބީ އެއަތޮޅުގައި ކަމަށްވެފައި އެހެން އަތޮޅުތަކުގައި އެހާބޮޑަށް ބަލި ފެތުރިފައި ނެތުމުންނެވެ. މިކަން މިމަގުން ހިނގަމުންއައީ 1960 ގެ އަހަރުތަކާ ހަމައަށެވެ. އޭގެފަހުން މިކަމަށް ދެން ޚާއްސަކުރެވުނީ މާލެއަތޮޅު ވިލިވަރާއި ބިޔާދޫއެވެ.

ދިވެހިރާއްޖެއަށް ލެޕްރަސީ އައުމުގެ ސިއްރު އިނގިރޭސީންނަށް އެނގެއެވެ. އަދި ދިވެހި ދައުލަތަށްވެސް އެނގެއެވެ. އެކަން ގުޅިފައިއޮތީ ބަލިމީހުން ފޯޅަވައްސަށް ފޮނުވާން އުޅެގެން ދިވެހިރާއްޖެއަށް ދެވިގެންކަންވެސް އެނގެއެވެ. މި ހަގީގަތް އެނގޭތީ ތޯއްޗެކެވެ. ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފުވި ޑަކްޓަރީ ބޭހަކީ އިނގިރޭސިން މެދުވެރިވެގެން ލެޕްރަސީ ބަލިމީހުންނަށްދޭން ގެނެވުނު "ޑެޕްސޯން" ނަމަކަށްކިޔުނު ބޭހެކެވެ. މިބޭސް ދެވުނީ ހަވޮއްޑާ އާއި ފުނަދޫގައެވެ. ލެޕްރަސީކަމަށް ޝައްކުކުރެވޭ މީހުން ދެނެގަތުމަށް ޓެސްޓްކުރާ ގޮތަކީ މީހާ ކަނުބަނދެފައި އިލޮށްޓެއްގެ ހިމަކޮޅުގައި ބޮނބިނަރެއް އައްސައިގެން އެމީހާގެ އެކި ތަންތަނުގައި ޖައްސަނީއެވެ. އެ ޖެއްސީ ކޮންތަނެއްގައިކަން ބުނެދޭން ނޭނގިއްޖެ ކޮންމެ މީހަކު ލެޕްރަސީ ޖެހިފައިވާ މީހަކަށްވީއެވެ.

ލެޕްރަސީބަލި ޖެހިފައިވާކަމަށް ވެގެން އެކަހެރިކޮށް ހަޔާތް ނަގައިލެވުނު އެންމެންނަކީ ލެޕްރަސީ ޖެހުނު ބައެއްވެސް ނޫނެވެ. މިކަން އޮތްގޮތުން މިނިޒާމުގެ ނާޖާއިޒު ފައިދާ އޭގެ އެންމެ ހުތުރުގޮތުގައި ހިފާން ޖެހިލުންނުވި ބަޔަކު އުޅުނެވެ. ވަކި މީހަކާ އިންނަން އުޅޭތީ ނުރުހިގެން، ވަކި މީހަކާ އިނީތީ ނުރުހިގެން، ތަރިކަ މުދަލުގެ މައްސަލައިގައި ހަސަދަވެރިކަމެއް ހިނގައިގެންވެސް "ލެޕްރަސީ" ޖެހުނު މީހުން ތިއްބެވެ. ކޮންމެ ގޮތެއް ހަދައިފައިވެސް އެކަހެރިކޮށްލަން ޖެހޭ މީހުން ކޮންމެ ދުވަސްވަރެއްގައިވެސް ތިބޭނެތާއެވެ. މިދެންނެވި ދުވަސްވަރު އެންމެ ފަސޭހައިން އެކަން ކުރެވެން އޮތީ ލެޕްރަސީޖެހިފައިވާ ކަމަށް ނިންމައިގެންނެވެ. އެގޮތަށް ނިންމީމާ އެމީހެެއްގެ މުޅި ހަޔާތް އެހިސާބުން ބަރުބާދުވެ ނިމުނީއެވެ. ލޯބިވާ މީހުންނާ މުޅި އުމުރަށް ވަކިވީއެވެ.