އެމްއެމްއޭގެ ޕޭމަންޓްސް.އެމްވީ ވެބްސައިޓުގައިވާ ޓައިމްލައިންތަކުން ދައްކަނީ މި އަހަރު 2022ގެ ފެބްރުއަރީގައި ޕޭމަންޓްގޭޓްވޭ ލައިވް ކުރާނެކަމަށެވެ. ބޮޑު ހަރަދެއް ކޮށްގެން ބޭރުގެ އެންމެ ތަޖުރިބާ ހުރި ފިންލެންޑްގެ ޓެކްނޮލޮޖީ ކުންފުނި ޓީޓޯއެވްރީ އަށް ޕޭމެންޓް ސިސްޓަމް ހެދުމަށް ހަވާލު ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ރާއްޖޭގެ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ގެންގުޅޭ މުސްކުޅި ގޮތްތައް ބަދަލުކޮށް ކޮންމެ ރަށަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ އެއް ތަނުން އަނެއް ތަނަށް ފޮނުވާލުމަށް ފައްކާ ކުރި ޕޭމަންޓް ގޭޓުވޭގެ މަސައްކަތް ލަސްވުމުގައި ވެސް ބައިވަރު ސަބަބުތައް އެބަހުއްޓެވެ.

އެންމެ ބޮޑު ސަބަބަކީ މި މަސައްކަތަށް ހުރި ގޮންޖެހުންތަކެވެ. ބޭންކިން އޮނިގަނޑު މި ކަމަށް ތައްޔާރުވެފައި ނެތުމެވެ. ރާއްޖޭގައި ހުރި ހުރިހާ ބޭންކުތަކާ ގުޅުން ހުރި ގިނަ ކަންތައްތަކެއް މީގެ ތެރެޔަށް ވަދެގެން ދާތީ، އަންނަ އުނދަގޫތައް ވެސް މަދު ނޫން ކަން އެނގިފައިވެއެވެ.

ޕްރޮޖެކްޓް އެވޯޑް ކުރުމަށްފަހު ޖެހިގެން މި އައި ދެ އަހަރަކީ ކޮވިޑުގެ އިގުތިސޯދީ އަނދަވަޅެއްގެ ތެރެއަށް ރާއްޖެ ވެއްޓުނު ދެ އަހަރު ކަމުން، އެކަމުންވެސް މި ޕްރޮޖެކްޓަށް ޑިލޭތަކެއް ގެނުވިއެވެ.

ޕޭޕަލްޓް މޯލްޑިވްސް ކިޔާ ފޭސްބުކް ޕޭޖެއްގައި ކޮށްފައިވާ ޕޯސްޓެއްގައި ޒުވާނުން ބުނަނީ ދެން އޮންނަ އިންތިހާބެއްގައި އެމީހުން ވޯޓުވެސް ލާނީ ޕޭޕަލް ފަދަ ޒަމާނީ ފައިސާގެ މުއާމަލާތް ހިންގޭނެ ގޮތެއް ހޯދައިދިނުމުން ކަމަށެވެ. އޭޓީއެމަށް ކޮންމެ އިރަކު ގޮސް ފައިސާ ޖަމާ ކުރެވުނަސް އަދިވެސް ހިންގަމުން މިދަނީ ޗެކާއި ނަގުދު ފައިސާއިން ހިންގި ވިޔަފާރީގެ މުސްކުޅި ދުވަސްވަރެވެ.

ޕޭޕަލް ފަދަ ޒަމާނީ ވަސީލަތްތައް ރާއްޖެ ގެނައުމަށް ގައުމީ ޕޭމަންޓް ސިސްޓަމް ވަރަށްވެސް މުހިއްމެވެ. އެކަމަށް ފާސްކުރަން ޖެހޭ ބިލްވެސް މަޖިލީހުން ވަނީ ފާސްކޮށްދީފައެވެ. އެހެން ކަމުން ގައުމީ ޕޭމަންޓް ސިސްޓަމުން ޒަމާނީ މާލީ ނިޒާމެއްގެ ފުރުސަތުތައް ހުޅުވައިދޭނެ އެވެ. މޮޑާން ވިޔަފާރިއަށް ފަހި ދޮރުތަކެއް ހުޅުވައިދޭނެއެވެ.

ނަގުދު ފައިސާގެ ބޮޑެތި މުއާމަލާތްތަކުގެ ބަދަލުގައި އާ ސިސްޓަމް މެދުވެރިކޮށް "ރިއަލް ޓައިމް"ގައި ފައިސާގެ މުއާމަލާތްތައް ހިންގޭނެ ދުވަސް އަދިވެސް ފެންނާކަށް ނެތެވެ. އާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ގޫގުލް ޕޭ އާއި އެޕަލް ޕޭ ގެ އިތުރުން ޕޭޕަލް ފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ދިވެހިން ތިބީ ކެތްމަދުވެފައެވެ.

އެމްއެމްއޭ އިން މިއަހަރު ތައާރަފު ކުރާނެ ކަމަށް ބެލެވުނު މިނިޒާމުގެ ތެރެއިން އިންސްޓެންޓް ޕޭމެންޓް ސިސްޓަމާއި "ރިކުއެސްޓް ޓު ޕޭ" ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެއެވެ. މީގެ އިތުރުން އެކި ބޭންކުތަކުން ޖަމާ ކުރާ ފައިސާ ވަގުތުން އެނެއް ބޭންކު އެކައުންޓަށް ޖަމާވުންވެސް ގުޅިފައިވަނީ މި ސިސްޓަމާއެވެ. މިހާރު އޮތް ބަލިކަށި ނިޒާމުގެ ސަބަބުން އިސްލާމިކް ބޭންކުން ޓުރާންސްފަރ ކުރާ ފައިސާ ބީއެމްއެލްގެ އެކައުންޓަކަށް ޖަމާވާނީ އެއް ދުވަސް ފަހުންނެވެ. އެހެން ނަމަވެސް އާ ސިސްޓަމާ އެކު ކޮންމެ ބޭންކެއްގެ އެކައުންޓަކުން ޓްރާންސްފަރ ކުރިޔަސް ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެ ފައިސާ ލިބޭނެ އެވެ. "ރިކުއެސްޓް ޓު ޕޭ" ގެ ސަބަބުން އޮންލައިންކޮށް އެއްޗެއް ވިއްކުމުގައި، ގަންނަ ފަރާތަށް ހާއްސަ ލިންކެއް ފޮނުވައިގެން ފަސޭހަކަމާއެކު ވަގުތުން ޕޭމެންޓް ހެދޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ރެސްޓޯރެންޓް ތަކަށް ގޮސް ބިލް ޝެއާ ކުރެވޭނެ އެވެ. ފެނާއި ކަރަންޓް ބިލް ދެއްކުމުގައި މާ ފަސޭހައިން ފައިސާ ދެއްކޭނެ އެވެ.

އެމްއެމްއޭ އިން މި ސިސްޓަމް ގާއިމު ކުރުމަށް ސޮއިކުރުމަށްފަހު ބުނެފައިވާ ގޮތުގައި ފިންލެންޑްގެ ޓެކްނޮލޮޖީ ކުންފުނި ޓީޓޯއެވްރީއާ ޕޭމެންޓް ސިސްޓަމް ހެދުމަށް ހަވާލު ކުރީ އެފަރާތަކީ މިފަދަ ނިޒާމުތައް އެކުލަވައިލުމުގައި ނަން މަޝްހޫރު ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާތީ ކަމަށެވެ. އެ ކުންފުނިން ވަނީ ސްވިޑަންގެ ބޮޑެތި ބޭންކްތަކުގެ ޕޭމެންޓް ސިސްޓަމްތައް ވެސް ފަރުމާކޮށްފައި ކަމަށް އެމްއޭއިން މައުލޫމާތު ދީފައިވެއެވެ.

ފައިސާ ޖަމާ ކުރެވޭ އޭޓީއެމްތަކާ އެކު ނަގުދު ފައިސާ ބޭނުންކުރާ މިންވަރު މަދުކުރެވުނު ނަމަވެސް، ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭ ވަސީލަތެއް ގޮތުގައި ނަގުދު ފައިސާ އަދިވެސް ދަނީ ބޭނުން ކުރަމުންނެވެ. ހާއްސަކޮށް ޑޮލަރު ހޯދުމަށް ނަގުދު ފައިސާ އަދި ޗެކް ބޭނުންކުރާ މިންވަރު އަދިވެސް މަދެއް ނޫނެވެ.

ރާއްޖޭގައި ބޮޑެތި ކުންފުނި ތަކުން ހިންގާ ވިޔަފާރިތަކުގެ 70 ޕަސެންޓް ވިޔަފާރީގެ މުއާމަލާތް އަދިވެސް ހިންގަނީ ޗެކް ބޭނުން ކޮށްގެންނެވެ. އެހެންވެ ޗެކް ކްލިއާ ކުރުމަށް ދުވަސް ނެގުމާއި ޗެކް ބައުންސްވުން ފަދަ ކަންކަން ކުރިމަތިވެ، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް ދިމާވުމަކީ މިފަދަ ޒަމާނެއްގައި ލަދުވެތި ކަމެކެވެ. މި ހުރިހާ ކަމެއް އާ ނިޒާމާ އެކު ހައްލުވެގެން ދިއުމަކީ ގިނަ ބައެއްގެ އުއްމީދެވެ.

ނުރަސްމީ މައުލޫމާތުކުން އެނގޭ ގޮތުގައި، މިސިސްޓަމުގެ ބައެއް އޭރިއާތައް މިހާރު ވަނީ ނިމިފައެވެ. މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ހިދުމަތް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.