މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި، ބުނަން ބޭނުންވާ އެއްޗެއް ބުނެލާ ސުޕަ އެޖެންޓް މިނޯ ރައިއޯލާ ދުނިޔެއާ ވަކިވެގެން ދިޔައީ މިދިޔަ އޭޕްރިލް މަހުގައެވެ. އުމުރުން 54 އަހަރުގައި ރައިއޯލާ މަރުވީ ބަލި އެނދުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. އާއިލާގެ ޕިއްޒާ ރެސްޓޯރަންޓްގެ ޝެފެއްގެ މަގާމުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އެޖެންޓަށް ބަދަލުވުމަށް ރައިއޯލާ ކުރި ދަތުރުގައި ކުދިކުދި މަކަރާއި، ސިކުނޑީގެ ތަނަވަސް ހިޔާލު ބޭނުންކޮށް، ކުޅުންތެރިންގެ ލޯތްބާއި އިތުބާރު ހޯދިއެވެ. ފްރާންސްގައި އިންޓަމެޒޯގެ ނަމުގައި ރައިއޯލާ ބިނާކުރި އެޖެންސީއަކީ "އެމްޕަޔާ"އެކެވެ. އެންމެ ޓޮޕް ކުޅުންތެރިންގެ ތެރެއިންވެސް 75 އެތުލީޓުން ތިބީ އޭނާގެ އަތް ދަށުގައެވެ. ހާއްސަކޮށް ފުޓުބޯޅައިގެ މުސްތަގުބަލު އޮތީ އޭނާ އަތުގައި ހިފައިފައެވެ.
ކުޅުންތެރިންނާ ގާތް ގުޅުމެއް އުފެއްދި ރައިއޯލާ ވަކިވެ ދިޔަ ހިސާބުން އޭނާއަށް ކުޅުންތެރިން ދިން ލޯބި ބަންޑުންވެސް ކޮށްލިއެވެ. އެ ހަނދާންތައް އަދި ފުޓުބޯޅަ ދުނިޔެއާ ވަތްކެއްވެސް ނުވެއެވެ. އާލިން ހާލަންޑާއި ޕައުލް ޕޮގްބާ، ޖިއާންލުއީޖީ ޑޮނަރޫމާގެ އިތުރުން ޒްލަޓާން އިބްރަހިމޮވިޗް އަދި މާކޯ ވެރާޓީއާއި ޒަވީ ސިމޮންސް، ފަދަ ކުޅުންތެރިންގެ "ބައްޕަ"އެއް ފަދަ އެޖެންޓްގެ ވަކިވުމާއެކު އެޖެންސީގެ މުޅި އިންޑަސްޓްރީއަށް އެނގުންވިކަން ޔަގީނެވެ. ރައިއޯލާ ނެތްތަން ފޫބައްދަން މީހަކު ނުކުންނަންވެސް ޖެހޭނެތާއެވެ. އެއީ ކުޅުންތެރިންގެ ބޭނުންތައް ފުއްދުމަށް، އެޖެންސީއަށް އެއްވެސް ވަގުތު ކޮޅަކަށް ހުއްޓިގެން ނޯވެވޭނެ ތީއެވެ.
ރައިއޯލާގެ މަރާއެކު ފުޓުބޯޅައިގެ މަންޒަރަށް ބަދަލުތަކެއް އައިސް އޭނާގެ އެޖެންސީގެ ޒިންމާ ނަގަން ތިބި ބަޔަކު ހޯދަން އެތައް ބަޔަކު އަވަސްވެގަތްވެސް މެއެވެ. އޭނާގެ ޕާސަނަލް ދިރިއުޅުމަކީ އާންމުންނަށް މާ ބޮޑަށް އެނގިފައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން އެ ތަފުސީލުތައް އެދަނޑިވަޅުގައިވެސް މާ ބޮޑަށް ހާމަވެފައެއް ނުވެއެވެ. ރައިއޯލާގެ ދެދަރިން ތިބި އިރު، އެންމެ ގާތުން ދެން އެޖެންސީގައި މަސައްކަތް ކުރީ ބޭބެގެ ދަރި ވިންސެންޒޯ ރައިއޯލާއެވެ. ދަރީންގެ މައުލޫމާތުތައް މީޑިއާއަށްވެސް ތިލަވެފައެއް ނުވެއެވެ.
ރައިއޯލާގެ ދެދަރީންނާއި އާއިލާގެ މީހުންވެސް އެޖެންސީގައި މަސައްކަތް ކުރަމުން އަންނަނިކޮށް، އެޖެންސީއެއްގެ ޓްރަސްޓީއެއްގެ ގޮތުގައި އޭނާ ވަކި ހާއްސަ ނަމެއް ލިޔެ، އެޖެންސީގެ ހުރިހާ ޒިންމާއެއް ކަހަލަ ގޮތަކަށް ހަވާލުކުރި ނަމެއް އެބައޮތެވެ. އެއީ އުމުރުން 49 އަހަރުގެ ރަފޭލާ ޕައިމެންޓާއެވެ. ރައިއޯލާ ހަވާލުކުރި އެ ބޮޑު ޒިންމާއާއެކު ޕައިމެންޓާއަކީ ރައިއޯލާގެ ހުރިހާ ކްލައިންޓުންގެ ބެލެނިވެރި ފަރާތެވެ. އެނާގެ މަންޒަރު ފުޓުބޯޅައިގެ ތެރޭގައި އަދި މާ ކުލަގަދަ ނޫން ނަމަވެސް، އެއީ "ނޭނގި ހުރި ފުޓުބޯޅައިގެ އެންމެ މުހިއްމު މޫނު"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން ދެއެވެ.
ޕައިމެންޓާއަކީ މިއަދު ސުޕަ އެޖެންޓެކެވެ. ތަރިކައެއްގައި ހިފައިގެން ނުކުމެ ހުރި ޕައިމެންޓާއަށް މިއީ އޭނާގެ ދަތުރުގެ އާކޮޅު ނަމަވެސް، މަދުމަދުންވެސް ފެންނަން ފެށީ ވަރުގަދަ ހެޑްލައިންތަކަކުންނެވެ. ޕައިމެންޓާ އަންނަނީ ރައިއޯލާގެ މަގުންކަން މަޑުމަޑުން އެނގުންވާން ފެށީ އެހިސާބުންނެވެ. ބުނަން ޖެހޭ ވާހަކަތައް ރައިއޯލާގެ ފޮތުގައި އޮންނަ ގޮތަށް މަޑުމަޑުން ބުނަން ފަށައިފިއެވެ. އެކަން އާންމުންނަށް ސާފުވާން ފެށީ "ހާލަންޑަކީ ތާރީހުގައި ފުރަތަމަ އެއް ބިލިއަން ޕައުންޑްގެ ކުޅުންތެރިޔާއަށް ވާނެ،" ކަމަށް އޭނާ ބުނި ހިސާބުންނާއި ޕޮގްބާގެ އަނިޔާގެ ތެރެއަށް އޭނާ ސީދާ ވަން ހިސާބުންނެވެ. ޕޮގްބާއަށް ވޯލްޑް ކަޕް ގެއްލޭނެކަމުގެ ޔަގީންކަންވެސް، ތުންތުން މަތިން އިވެންދެން މަޑު ނުކުރުވައި ޕައިމެންޓާ ވަނީ ސީދާ ސީދަލަށް ސާފުކޮށްދީފައެވެ. އެއީ ރައިއޯލާގެވެސް ސްޓައިލެވެ. ޕައިމެންޓާވެސް ދަމަހައްޓަން ފެށީ ހަމަ އެ ސްޓައިލެވެ.
އެތައް ކުޅުންތެރިންނެއްގެ ޓްރާންސްފާތަކަކާއި، އެތައް ކުޅުންތެރިންގެ މައްސަލަތައް ހިފައިގެން ރައިއޯލާގެ ނަމުގެ ފަހަތުން ނުކުމެ ހުރި ޕައިމެންޓާއަކީ ރައިއޯލާގެ ކާކުތޯ ބަލައިލަމާ ހިނގާށެވެ. ބްރެޒިލްގެ ގާނޫނީ ވަކީލު ޕައިމެންޓާ ވަނީ ރައިއޯލާއާ އެންމެ ގާތުގައި 18 އަހަރު އިހުލާސްތެރި ހިދުމަތެއް ކޮށްދީފައެވެ. އެންމެ ޅައިރުންސުރެ ޕައިމެންޓާއަކީ ފުޓުބޯޅައަށް ލޯބިކުރި މީހެކެވެ. ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއްވެސް މެއެވެ. އެހެންވާނެތާއެވެ. އޭނާ ނިސްބަތްވަނީ ބްރެޒިލަށެވެ. ޔުނިވަސިޓީ އޮފް ސައު ޕާލޯއިން ޖުރިސްޕްރިޑެންސް ކިޔަވައިގެން ޕައިމެންޓާ ފުރަތަމަ ނުކުތީ ސަރުކާރުގެ ހިދުމަތަށެވެ.
ބްރެޒިލްގެ ރައީސްކަމުގައި 1995 ވަނަ އަހަރުން 2002 ވަނަ އަހަރަށް ހުރި، ފެނާންޑޯ ހެންރީކޭ ކާޑޯސޯގެ ވެރިކަމުގެ ސަރުކާރުގެ އިދާރީ ކަންކަމުގެ ޕައިމެންޓާ ހަރަކާތްތެރިވިއެވެ. އޭގެ އިތުރުން އޭނާއަކީ ކުރީގެ ބްރެޒިލް ކުޅުންތެރިންނާވެސް ގުޅުން ރަނގަޅު ލޯޔަރެކެވެ. އެގޮތުން ރިވާލްޑޯއާއި ސެޒާ ސަމްޕައީއޯ އެކުވެ، 1998 ވަނަ އަހަރު އުފެއްދި ކްލަބެއް ކަމަށްވާ ގުއަރަންޓިންގުއޭޓާގެ މަސައްކަތުގައި ޕައިމެންޓާ ހަރަކާތްތެރިވިވެސް މެއެވެ. ރައިއޯލާއާ ޕައިމެންޓާ ދިމާވީވެސް އެ ކްލަބުން އިންތިޒާމުކުރި ޗެރިޓީ އިވެންޓެއްގެ ތެރެއިންނެވެ. އެ ދިމާވި ދިމާވުމަކީ ފުޓުބޯޅަ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޕޫލުގެ ތެރެއަށް ޕައިމެންޓާ ތައާރަފުވާން ދިމާވި ސަބަބެވެ. ރައިއޯލާގެ އެޖެންސީގައި މަސައްކަތް ކުރުމަށް ލޯޔަރު ޕައިމެންޓާއަށް ދައުވަތު ލިބުނު ހިސާބަކީ އެއީއެވެ.
ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ޓްރާންސްފާ، ޑޯޓުމަންޑުން ހާލަންޑް ސިޓީއަށް ބަދަލު ޓްރާންސްފާގެ ސިކުނޑިއެއްގެ ގޮތުގައި މަސައްކަތް ކުރި ޕައިމެންޓާގެ ކެރިއަރު ރަސްމީކޮށް ފަށަން ޖެހުނީ ރައިއޯލާ ވަކިވި ހިސާބުންނެވެ. އެދަނޑިވަޅަކީ އޭނާއަށްވެސް، ކުޅުންތެރިންނަށްވެސް "ޝޮކިން" ވަގުތު ކޮޅެކެވެ. ހާއްސަކޮށް ޕައިމެންޓާއަކީ ރައިއޯލާގެ އާއިލާއާ ގާތް މީހަކަށްވުމުން، އެ ނާޒުކު ވަގުތު އޭނާއަށް އިތުރު ތަކުލީފަކަށްވިއެވެ. އެއްކޮޅުން އެޖެންސީއެވެ. އަނެއްކޮޅުން 18 އަހަރު ދުވަހުގެ އެކުވެރިކަމުގައި މަސައްކަތް ކުރި ރައިއޯލާގެ އާއިލާއެވެ. އެ ދެމެދުގައި ހުރެ، ހިތްދަތިވެ ފަހަތަށް ޖެހެވެން ނެތް މީހަކީވެސް ޕައިމެންޓާއެވެ. ޒިންމާ ނަގައި އޭރުވެސް ހައްލުކުރަން ޖެހިފައި އޮތް އެޖެންސީގެ އެތައް ކަމެއް ހައްލުކޮށް، ނަގަން ޖެހުނީ ހަޔާތުގެ އެންމެ ބޮޑު ޒިންމާއެވެ. އެކަމަށް ޕައިމެންޓާ ފަހަށް ޖެހިފައެއް ނުވެއެވެ.
"ރައިއޯލާ މަރުވި ވަގުތުވެސް އަހަރެންގެ ކްލައިންޓުން ތެރެއިން މިކިތާރިއަންއާއި އަރެއޯލާ ފަދަ ކުޅުންތެރިން ތިބީ އެއްބަސްވުން އާކުރަން، ނޫނީ ކްލަބު ބަދަލުކުރަން ޖެހިފައި. ވަގުތުން އެޓެންޑްވިން. އެއީ އެކުޅުންތެރިންގެ ލޯތްބާއި އިހުތިރާމު ހޯދައި ކުންފުނި ކުރިއަށް ގެންދަން ވެގެން. އަހަރެން ރުއިމުގައި ހޭދަކޮށް ވަގުތު ދުއްވާލުން އެއީ ރައިއޯލާވެސް ބޭނުންވާނެ ގޮތަށް ނުވާތީ،" ޕައިމެންޓާ ދީފައިވާ ހާއްސަ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ރައިއޯލާގެ ވަކިވުންވީ ވާދަވެރި އެތައް އެޖެންޓުންނަކަށް "ފައިދާ ނަގަން މަސައްކަތް ކުރަން" ލިބުނު ވަގުތަކަށެވެ. އަގުބޮޑު ކުޅުންތެރިއެއްގެ އެޖެންޓްކަން ޖަހައިގަނެވޭތޯ ކުރި މަސައްކަތާވެސް ކުރިމަތިލީ ހަމަ ޕައިމެންޓާއެވެ.
"ރައިއޯލާގެ މަރާއެކު ފޯނު ކޯލުތައް ހުއްޓުމެއް ނެތި އައި. ކުޅުންތެރިންނަށްވެސް އެ އުނދަގޫ ޖެހުނު. ހާލަންޑާއި ޕޮގްބާގެ އިތުރުން އަލްފޮންސޯ އަރިއޯލާއާއި ޒަވީ ސިމޮންސް ފަދަ ކުޅުންތެރިންނަށް ރައިއޯލާ މަރުވި ދުވަހުވެސް 1000 އެއްހާ ފޯނު ކޯލު އައި. ހަމްދަރުދީގެ މެސެޖުތައް ދޭން ކުރި ކޯލުތަކެއް ނޫން. ހަޔާތްކުޑަ އެޖެންޓުން އަހަރެމެންގެ ކްލައިންޓުން ޖަހައިގަންނަން، ދަނޑިވަޅުބަލައިގެން ކުރި ކޯލުތައް،" ޕައިމެންޓާ ބުންޏެވެ.
ޕައިމެންޓާ ކިޔައިދީފައިވާ ގޮތުގައި އެޖެންސީ ހިންގައިދޭނެ ކަމަށް ބުނުވެސް އޭނާއަށް އެތައް ފޯނު ކޯލެއް އައެވެ. އެވަގުތުގެ ނާޒުކުކަމުން ރައިއޯލާގެ އަންހެނުން ރުޅިގަނޑު ފަޅައިގެން ގޮސް، އެޖެންޓަށް ރައްދު ދިން ކަމަށްވެސް ޕައިމެންޓާ ބުންޏެވެ.
"ވޯލްޓާ ބެނިޓޭޒް ހޯދަންވެސް ރައިއޯލާ މަރުވި ދުވަހު އެޖެންޓެއް ގުޅި. އޭރު އަހަރެން ހުރީ ރުއިމާއި ގިސްލުމުގެ ތެރޭގައި ރައިއޯލާގެ ގޭގައި. އެފޯނު ކޯލު ނެގީ ރައިއޯލާގެ އަންހުން ވަންޑާ. ނަގައިފައި ވަރަށް ބޮޑަށް އެއްޗެހި ގޮވާލި. އެޖެންޓާ ދިމާއަށް ރައިއޯލާ އަންހެނުން ބުނި ލަދުގަންނަން ޖެހޭނެ ކަމަށްވެސް،" ޕައިމެންޓާ ބުންޏެވެ. ނާޒުކު ވަގުތުގެ ބޭނުން ހިފައި ޕައިމެންޓާގެ އަތުން ރައިއޯލާގެ އަމާނާތް ޖަހައިގަންނަން އުޅުނު އެޖެންޓުން އޭނާ ސިފަކޮށްފައި ވަނީ "ލޯ ލައިފް" ބައެއްގެ ގޮތުގައެވެ. އެ ދަނޑިވަޅުގައި އެހީތެރިވި ބައެއް ނަންތައް އޭނާ ފާހަގަވެސް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ގެރެތު ބޭލްގެ އެޖެންޓް ޖޮނަތަން ބާނެޓް ފަދަ ފަރާތްތައް ޕައިމެންޓާ ވަނީ ފާހަގަކޮށްފައެވެ.
"އަންހެނަކަށް ވީތީ ތަފާތުކުރުންތައްވެސް އެބަހުރި. އުނދަގޫތަކާވެސް ކުރިމަތިވޭ. އެކަމަކު ބުނަން އޮތީ އެންމެ ވާހަކައެއް. ކުޅުންތެރިންނަށް ހޯދައިދޭން ޖެހޭ ޑީލެއް ހޯދަން އަހަރެން ވަރަށް ރޫތުލެސް ވާނެކަން. އެކަން ދަންނަން ވާނެ،" ރައިއޯލާ ކައިރިން އެދުރުވެ ހުރި ޕައިމެންޓާ އިންޓަވިއުގައި ބުނެފައިވެއެވެ.
މަޑުމަޑުން ފުޓުބޯޅަ މަންޒަރަށް ކުލަވަމުން އަންނަ ޕައިމެންޓާއަށް މިހާރު ހަމަޖެހިލެވިއްޖެއެވެ. އޭނާގެ ނަފުސަށް ބިނާވަމުން އަންނަ އިތުބާރާއެކު ބިލިއަން ޕައުންޑްގެ އެޖެންސީ ހިންގަން ތައްޔާރުވެވިއްޖެއެވެ. ބޮޑެތި އެތައް ނަންތަކެއްގެ ބެލެނިވެރި ފަރާތަކަށް ހުރި ޕައިމެންޓާއަށް އިތުބާރު އެބައޮތެވެ. މުސްތަގުބަލު އެތައް ކުޅުންތެރިންނެއްގެ ކެރިއަރު ކޮށައި މަށަން ހުރީ އޭނާކަން ދަނެ، މިހާރު މިސްރާބު ހުރީ ސުޕަ އެޖެންޓެއްގެ މިސްރާބުގައެވެ. މަޑުމަޑުން އޭނާގެ ވާހަކަ މީޑިއާއަށް ތިލަވާނެ ކަމަށް ބަލަމާ ހިނގާށެވެ.