މި ސީޒަނުގެ ނިޔަލަށް ބާސެލޯނާއާއެކު އެއްބަސްވުމެއްގައި ހުރި ނަމަވެސް، އެއްބަސްވުން ބާތިލުކޮށް، ކެރިއަރު ނިންމާލަން ޖެރާޑް ޕީކޭ ނިންމައިފިއެވެ.

އުމުރުން 35 އަހަރުގެ ޕީކޭ ފުޓުބޯޅައިން ރިޓަޔާކުރާނެކަން އިއުލާނުކުރީ މީސް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައެވެ. އޭނާ ބުނެފައި ވަނީ ބާސާ ޖާޒީގައި އޭނާ ކުޅޭ ފަހު މެޗަކަށްވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު، އަލްމޭރިއާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކަމަށެވެ.

"އަހަރެންގެ އެންމެފަހު މެޗަކަށްވާނީ އަންނަ ހަފުތާގައި ކުޅޭ މެޗު. އެއަށްފަހު އެއްބަސްވުން އުވާލައި އަހަރެންގެ ކެރިއަރު ނިމުމަކަށް ގެންނަން ވަނީ ގަސްދުކޮށްފައި. އަހަރެން ކުރިންވެސް ބުނިހެން ކްލަބު ކެރިއަރުގައި ބާސާ ނޫން އެހެން ކްލަބަކަށް ކުޅޭކަށް ދެން ބޭނުމެއް ނޫން. ވަރަށް އަވަހަށް، ނޫނީ އަދި ފަހުންވިޔަސް ކޮންމެވެސް ދުވަހަކުން އެނބުރި ބާސާއަށް އަންނާނަން،" ޕީކޭ ބުންޏެވެ.

ޕީކޭއަކީ ބާސާގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ލެޖެންޑެކެވެ. 1997 ވަނަ އަހަރު ބާސާގެ އެކަޑެމީން ފުޓުބޯޅަ ކެރިއަރު ފެށި ޕީކޭ 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ޓީމަށް ބަދަލުވެފައިވެއެވެ. އޭގެ ފަހުން 2008 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑްގައި ހޭދަކޮށް، ސީނިއާ ޓީމަށްވެސް 12 މެޗު ކުޅުނެވެ. އެ މުއްދަތުގެ ތެރޭގައި ޕީކޭ ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ޕީކޭ 2008 ވަނަ އަހަރު ބާސާއާ ގުޅުމަށްފަހު އެ ކްލަބަށް 400 އެއްހާ މެޗު ކުޅެދީފައިވެއެވެ. އޭނާ ވެފައި ވަނީ އެ ކްލަބުގެ ރަން ޓީމުގައި އެންމެ ވިދުން ގަދަ އެއް ޑިފެންޑަރަށެވެ. ބާސާއާއެކު ޕީކޭ ވަނީ 8 ފަހަރަށް ލީގު ކާމިޔާބުކޮށް، ތިން ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ސްޕެއިންގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު ޓީމުގައިވެސް ޕީކޭ ވިދާލާފައިވެއެވެ. އޭނާ ވަނީ ސްޕެއިނާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައެވެ. ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދިން ޕީކޭ ވަނީ 2018 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާން ކޮށްފައެވެ.

ޕީކޭ 2010 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހާ ހަމައަށް ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ވަނީ ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 11 އަހަރު ފަހުން މިއަހަރު ދެމީހުން ދުރުވިކަން އިއުލާން ކޮށްފައިވާ އިރު، ޝަކީރާއާއި ޕީކޭއަށް އެކުގައި ދެ ކުދިން ލިބިފައިވެއެވެ. އެއީ އުމުރުން ނުވަ އަހަރުގެ މިލާންއާއި އުމުރުން ހަތް އަހަރުގެ ޝާޝާއެވެ.

ބާސެލޯނާ ނިސްބަތްވާ ސްޕެއިންގެ ކަޓަލޫނިއާގެ މިނިވަންކަމަށްވެސް ވަރަށް ބޮޑަށް ވަކާލާތުކުރި ކުޅުންތެރިއެއްގެ ގޮތުގައި ޕީކޭ ފާހަގަކޮށްލެވޭ އިރު، އޭނާއަކީ ބާސާއަށް އިހުލާސްތެރި، އެ ކްލަބު ދެކެ އިންތިހާއަށް ލޯބިވާ ކުޅުންތެރިއެއްގެ ގޮތުގައިވެސް ވަނީ ފާހަގަކުރެވިފައެވެ. ހާއްސަކޮށް އެ ކްލަބުގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކާ ލެޖެންޑަރީ ކުޅުންތެރިއެއްގެ ގޮތުގައި ޕީކޭ ފާހަގަވެފައިވެއެވެ. މި ސީޒަނަށް ޕީކޭ ނުކުތީވެސް މުސާރަ ވަރަށް ބޮޑުތަނުން ކުޑަކޮށް އެއްބަސްވުން މުރާޖާ ކޮށްފައެވެ. އެއީ ކްލަބުގެ ފައިނޭންޝިއަލް ހާލަތަށް ވިސްނާފައެވެ.