ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕް ގެއްލޭނެކަން އާރްބީ ލެއިޕްޒިގުން ޔަގީންކޮށްދީފިއެވެ.

ވާނާއަށް އަނިޔާވެފައި ވަނީ ރޭ ލެއިޕްޒިގުން ޗެމްޕިއަންސް ލީގުގައި ޝަކްތާ ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ލެއިޕްޒިގުން 4-0 އިން ކާމިޔާބުކޮށް، ގަދަ 16 ޔަގީން ކޮށްފައިވާ އިރު، މެޗުގެ 19 ވަނަ މިނެޓުގައި ވާނާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. ވާނާ މެޗުގެ ފުރަތަމަ ގޯލަށް ކްރިސްޓޮފާ އެންކުންކޫއަށް އެސިސްޓްވެސް ކޮށްދީފައިވާ އިރު، އޭނާގެ ބަދަލުގައި ރޭގެ މެޗަށް ނުކުތީ އެމިލް ފޯސްބާގެވެ.

ޖަރުމަނު ގައުމީ ޓީމުން، ލެއިޕްޒިގާ ހަވާލާ ދީ މިއަދު ބުނެފައި ވަނީ ވާނާގެ ފައިގެ ކުޑަހުޅުގެ ލިގަމެންޓް ވީދައިގެން ގޮސްފައިވާ ކަމަށާއި މިއަހަރު ނިމެންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށެވެ.

އުމުރުން 26 އަހަރުގެ ވާނާއަކީ ޖަރުމަނު ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. 2016 ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމަށް ލެއިޕްޒިގުގައި ފުރަތަމަ ފަހަރަށް ވާނާ ވިދާލިއެވެ. އޭނާ ވަނީ އެ ބުރުގައި ލެއިޕްޒިގަށް ކުޅުނު 127 މެޗުން 78 ގޯލު ޖަހައިފައެވެ. އޭގެ ފަހުން ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ވާނާ ހޯދަން މަސައްކަތް ކޮށްފައިވާ އިރު، އޭނާ 2020 ވަނަ އަހަރު ބަދަލުވީ ޗެލްސީއަށެވެ.

ޗެލްސީއަށް ބަދަލުވިފަހުން ވާނާގެ ގޯލު ޖެހުމުގެ ރެކޯޑަށް ފަނޑުކަމެއް އައި ނަމަވެސް، އެ ކްލަބާއެކު ކާމިޔާބީތައް ހޯދިއެވެ. އެގޮތުން ވާނާގެ މުހިއްމު ދައުރަކާއެކު ޗެލްސީން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި އިރު، އޭނާ އަލުން ލެއިޕްޒިގަށް ދިޔައީ މި ސީޒަނުގައެވެ. އަލުން ލެއިޕްޒިގަށް ގޮސް މިހާތަނަށް ވާނީ ރަނގަޅު ފޯމެއް ދަމަހައްޓައިފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ނުވަ މެޗުގައި ހަތަރު ގޯލު ޖަހައިފައިވެއެވެ.

ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން ވާނާ ގައުމީ ޓީމަށް ކުޅެމުންދާ އިރު، އޭނާ ވަނީ މިހާތަނަށް ކުޅުނު 55 މެޗުގައި 24 ގޯލު ޖަހައިފައެވެ.

އަންނަ ނޮވެންބަރު މަހު 20 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕަކީ ކްލަބު ސީޒަނުގެ ތެރެއިން، ފިނި މޫސުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގެ ހޯސްޓް ގައުމު، ގަތަރުގެ ފިނިހޫނުމިނަށް ބަލައި، ފީފާއިން ފިނި މޫސުމުގެ ވޯލްޑް ކަޕަކަށް ފުރުސަތު ދީފައިވާ އިރު، ކްލަބު ފުޓުބޯޅައިގެ ލީގުތައް ވޯލްޑް ކަޕަށް މެދުކަނޑާލާނީ އަންނަ ހަފުތާގެ މެޗުތަކަށް ފަހުއެވެ.

ކްލަބު ސީޒަނުގެ ތެރެއިން ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެގެން ވޯލްޑް ކަޕް ގެއްލޭނެކަން މިހާރުވެސް ޔަގީންވެފައިވާ އިރު، ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރުން އެކަމަށް ފާޑުވެސް ކިޔާފައިވެއެވެ.

މިހާތަނަށް އަނިޔާގައި ތިބި ބައެއް ކުޅުންތެރިންނަށް ބަލާއިރު، ފްރާންސްގެ މިޑްފީލްޑް ޑުއޯ އެންގޯލޯ ކަންޓޭ އާއި ޕައުލް ޕޮގްބާގެ އިތުރުން އިންގްލެންޑްގެ ވިންގް ބެކް ރީސް ޖޭމްސްވެސް ހިމެނެއެވެ. އޭގެ އިތުރުންވެސް އިތުރު ކުޅުންތެރިންނަށް ދަނީ އަނިޔާތަކާ ކުރިމަތިވަމުންނެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ކުޅުނު ޓޮޓެންހަމް މެޗުގައި އަނިޔާވި ދެކުނު ކޮރެއާގެ ކެޕްޓަން ހިއުން-މިން ސޮން އަދި ޗެލްސީގެ މެޗުގައި އަނިޔާވި އިންގްލެންޑްގެ ބެން ޗިލްވެލްއަށްވެސް ވޯލްޑް ކަޕް ގެއްލޭނެ ކަމަށް އޮތީ ބެލެވިފައެވެ.

އޭގެ ތެރެއިން ސޮން މޫނުގެ ސާޖަރީއަކަށް ތައްޔާރުވެފައިވާ އިރު، އޭނާގެ އަނިޔާއަކީ މޫނުގެ އަނިޔާއެއްކަމުން، ކުޑަވެސް ފުރުސަތެއް އޮތްނަމަ ވޯލްޑް ކަޕްގައި ފެންނާނެ ކަމަށް ބެލެވެއެވެ.