ތިނެއް ނޮވެމްބަރު 1988ގައި ރާއްޖެ ހިފަން އެރި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ސިހުމަކީ ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން އެ މަނިކުފާނު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހަނދާންތަކުން ގިނަ އިބުރަތްތަކެއް ލިބިގެންދާ ކަމަށެވެ. ފުރަތަމަ ކަމަކީ ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވާނެކަން ކަމަށާއި އަނެއް ކަމަކީ ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން ކަމަށް ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ގައުމު ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދިފާއުގައި ގުރުބާންވި ދިވެހީންގެ ހަނދާންތައް އާކުރާ ކޮންމެ މުނާސަބަތެއްގައި ހަނދާނުގައި ބަހައްޓަންވީ ކޮންމެ ކަމެއްގައިވެސް ގައުމީ މަސްލަހަތާއި ގައުމުގެ ސުލްހަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރަންޖެހޭނެކަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު