ގަތަރުގައި ފެށުމަށް ތައްޔާރުވެފައިވާ ވޯލްޑް ކަޕްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެހެން ގައުމުތަކުގެ މަސައްކަތްތެރިން ތިބީ "ރަނގަޅު ރޫހެއްގައި،" ވޯލްޑް ކަޕަށް އިންތިޒާރު ކޮށްގެން ކަމަށް ބުނުމުން އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް މީޑީއާތަކުގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ފާޑު ކިޔައިފިއެވެ.

ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ގަތަރުގެ މަސައްކަތްތެރިންގެ ހާލަތާ ބެހޭގޮތުން ސުވާލުކުރުމުން ސައުތުގޭޓް ބުނީ ފުޓުބޯޅައަކީ ވޯލްޑް ކަޕެއްގެ އެންމެ މުހިއްމު ކަންތައް ކަމަށާއި، ގަތަރުގައި މަސައްކަތްކުރާ އެތައް މަސައްކަތްތެރީންނެއް ތިބީ ވޯލްޑް ކަޕަށް ހެޔޮހިތުން އިންތިޒާރު ކޮށްގެން ކަމަށެވެ.

"ވޯލްޑް ކަޕެއްގެ ހުރިހާވެސް އެއްޗަކީ މެޗުތައް، ފުޓުބޯޅަ. އެއީ އަހަރެމެންގެ ޓީމުން ގަތަރަށް ދާ ސަބަބަކީވެސް. މިދޭތެރެއިން ވަރަށް ގިނަ ފަހަރު ގަތަރަށް ދެވިއްޖެ. އެތައް މަސައްކަތްތެރިންނަކާވެސް ބައްދަލުވެއްޖެ. އެހުރިހާ އެންމެންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ގަތަރު ވޯލްޑް ކަޕް ފަށަން. އެއީ ފުޓުބޯޅައަށް އެމީހުން ދޭ ލޯތްބެއްގެ ސަބަބުން. އަހަރެމެން އަތުގައި ކޮންޓްރޯލް ނެތް ގައުމެއްގައި ހުރި އެހެން ކަންކަން ހުރިކަން ގަބޫލުކުރަން، އެކަމަކު އެ މަސައްކަތްތެރިންވެސް ތިބީ ރޫހުގައި،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓްގެ އެ ވާހަކަތަކަށް އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ބޮޑެތި ޖަމިއްޔާތަކުން ފާޑު ކިޔައިފައިވެއެވެ. އެ ޖަމިއްޔާގެ މައިގްރެންޓް ލޭބާ ރައިޓްސް ރިސާޗާ އެލާ ނައިޓް ބުނީ ގަތަރުގައި މަސައްކަތް ކުރާ އެތައް މަސައްކަތްތެރީންނަކީ ފުޓުބޯޅައަށް ލޯބިކުރާ ބަޔަކަށްވުމުން ވޯލްޑް ކަޕަށް އިންތިޒާރުކުރާ ނަމަވެސް، އާންމު އަސާސީ ހިދުމަތްތައް ނުފުދި އެތައް ބަޔަކު މާޔޫސްކަމުގައި ތިބި ކަމަށެވެ.

"ގަތަރުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަކީ ފުޓުބޯޅައަށް އިންތިޒާކުރާ، ފުޓުބޯޅައަށް ލޯބިކުރާ ބަޔަކަށް ވެދާނެ. އެކަމަކު އެ ހުރިހާ މަސައްކަތްތެރިންވެސް އެންމެ ބޮޑަށް ބޭނުންވަނީ އެ މަސައްކަތްތެރިންގެ ބޭސިކް ހިދުމަތްތައް ލިބުން. ރަނގަޅު މުސާރައެއްގެ އިތުރުން މަސައްކަތުގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުވުން. ވޯލްޑް ކަޕް ފަށަން އެއުޅެނީ އެތަކެއް އިންސާނީ މައްސަލަތަކެއް ހައްލުނުކޮށް،" ނައިޓް ބުންޏެވެ.

އެމްނެސްޓީން ގޮވާލާފައި ވަނީ ގަތަރުގެ ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ. އެ ޖަމިއްޔާއިން އިނގިރޭސި އެފްއޭއަށް އެދިފައި ވަނީ މަސައްކަތްތެރިންނަށް ދިމާވި ހާލަތްތަކަށް، އެ މަސައްކަތްތެރީންގެ އާއިލާތަކަށް ބަދަލެއް ދޭން ފީފާއަށް ޕްރެޝަރު ކުރުމަށެވެ.

ވޯލްޑް ކަޕަށް ގަތަރުން މުޅީން އަލަށް 8 ސްޓޭޑިއަމް ގާއިމުކޮށް، މެޓްރޯ ވިއުގައެއް ތައްޔާރުކުރުމުގެ އިތުރުން އާ އެއާޕޯޓެއްވެސް ތައްޔާރުކޮށްފައިވެއެވެ. އޭގެ އިތުރުން އާ އެތައް މަގަކާއި، ހޮޓާތަކެއްވެސް ގަތަރުން ތައްޔާރު ކޮށްފައިވެއެވެ. ގަތަރު ސަރުކާރުން ބުނެފައި ވަނީ ގައުމުން ބޭރުގެ 30،000 މަސައްކަތްތެރިން އެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބަންގްލަދޭޝާއި، ނޭޕާލް އަދި ފިލިޕީންސްގެ އިތުރުން އިންޑިއާގެ ރައްޔިތުންނެވެ.

ގަތަރުން މަސައްކަތްތެރިންގެ ސިއްހީ އަދި އެހެނިހެން ޒަރޫރީ ކަންކަމުގައި އަމަލު ކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން މަސައްކަތުގެ ތެރޭގައި އެކިއެކި ހާދިސާތައް ދިމާވެ މަރުވި މީހުންގެ އަދަދު ގަތަރުން ސިއްރު ކުރި ކަމަށްވެސް ވަނީ ތުހުމަތުތައް އަމާޒުވެފައެވެ.

ގަތަރުން ބުނެފައި ވަނީ ވޯލްޑް ކަޕްގެ މަސައްކަތުގައި 2014 އިން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މަރުވެފައި ވަނީ ޖުމުލަ 37 މީހުން ކަމަށެވެ. އޭގެ ތެރެއިން މަސައްކަތާ ގުޅުން ހުރި ގޮތެއްގައި މަރުވެފައި ވަނީ ތިން މީހަކު ކަމަށެވެ.

އެހެން ނަމަވެސް ގާޑިއަންއިން 2021 ވަނަ އަހަރު ފެބްރުއަރީ މަހު ރިޕޯޓު ކޮށްފައިވަނީ ގަަތަރުގެ ވޯލްޑް ކަޕް މަސައްކަތްތަކުގައި 6،500 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ގާޑިއަންއިން އެ އަދަދުތައް ރިޕޯޓު ކޮށްފައި ވަނީ ގަތަރުގައި ހުންނަ ޕާކިސްތާނާއި، އިންޑިއާގެ އިތުރުން ނޭޕާލް އަދި ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލާ ދީފައެވެ.