މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ މަހުގެ 14 ގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

އެމްއެންޕީން މިރޭ ވަނީ އެ ޕާޓީގެ ނެޝަނަލް ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުން ބާއްވައިފައެވެ. ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައަޅާފައި ވަނީ އެ ބައްދަލުވުމުގައެވެ.

ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 14 ގައި ބޭއްވުމަށެވެ.

އެމްއެންޕީގެ ފަރާތުން މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

މިރޭ ބޭއްވި އެމްއެންޕީގެ ނެޝަނަލް ގައުމީ ހިންގާ ކައުންސިލް ބައްދަލުވުމުގައި ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަންވެސް ފާސްކޮށްފައެވެ. އަދި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލަށް ތާއީދު ނުކުރުމަށް ވެސް ފާސްކޮށްފައެވެ.

އެ ދެ ނިންމުން ވެސް ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއެންޕީއަކީ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ މަގުސަދުތަކުގެ ތެރޭގައި ދީނާއި ގައުމު ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ހިމެނެއެވެ.

އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 8،129 އެވެ.