ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުޞޫލުތަކާ ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ބަޔަކަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އޭސީސީން މިއަދު ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާ ގުޅިގެން ސަޕްލަޔަރުންގެ މަސްލަހަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެއްގައި ކަމަށެވެ.
އޭސީސީން ބުނީ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ަމަށާއި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ތާރީހުގައި މުދާ ޑެލިވާ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވާކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ އެއްބަސްވުންތަކާ ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ އަދަދަށްވުރެ މަދުން އުނިކޮށްގެން ކަމަށް އޭސީސީން ބުންޏެވެ.
"ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، 1,000,000.00 (އެއްމިލިއަން) އަށްވުރެ ގިނަ ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން އެންގެން އޮވޭ،" އޭސީސީން ބުންޏެވެ.
ނިމާލްގެ އިތުރުން ދެން ދައުވާކޮށްދޭން އެދިފައިވަނީ އޭރުގެ ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މިންހާޖު ވަހީދާއި އޭރުގެ ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ އަހުމަދު ސޯލިހު ނާސިރަށާއި އޭރުގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އަޒްލީމަށެވެ.
އޭސީސީން އެ ހަތަރު މީހުންގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މިމައްސަލައިގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އޭސީސީން ވަނީ މިއަދު އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު