ދުނިޔޭގެ ތާރީހުގައި ބާއްވާ އެންމެ އަގުބޮޑު ވޯލްޑް ކަޕަށް ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ދުނިޔެ ހައިރާންވާވަރަށް ގަތަރުން ވޯލްޑް ކަޕަށް ތައްޔާރުވެއްޖެއެވެ. ސްޓޭޑިއަމްތައް ފުރިހަމަކޮށް، މުޅި ގައުމު ވޯލްޑް ކަޕަށް ހުސްވެ، މިލިއަނުން ޓިކެޓް ވިއްކައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓްގެ އެންމެ ބޮޑު ޒިންމާއެއް މަތިވެފައި އޮންނަނީ ފީފާއަށެވެ. ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އޮންނަ ވޯލްޑް ކަޕަށް ފުރިހަމަކަން ގެނެވޭނެ ކޮންމެ ގޮތެއް ހޯދައި ބެލުންވެސް އޮންނަނީ ފީފާއަށެވެ. އާ އީޖާދުތައް ގެނެސް، ޒަމާނީ ކުލަވަރު ފުޓުބޯޅައަށް އެންމެ ބޮޑަށް ތައާރަފު ވަނީވެސް ހަމަ ފީފާގެ ތެރެއިން، ވޯލްޑް ކަޕް ފަދަ ތާރީހީ އިވެންޓްތަކުންނެވެ.

މީގެ ހަތަރު އަހަރު ކުރިން 2018 ގެ ބޭއްވި ވޯލްޑް ކަޕަށް އެތައް ބައެއްގެ ލޯތައް ހުއްޓުނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އަށެވެ. އެ ނިޒާމުގެ ފުރިހަމަކަން، ބޭނުންތެރިކަން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް 2018 އިން ފެނިގެން ދިޔައެވެ. މުހިއްމު ނިންމުންތަކަކާއެކު އެ ޓެކްނޮލޮޖީ ފުޓުބޯޅަ އަބަދަށް ބަދަލުވެސް ކޮށްލައިފިއެވެ. އެ ބީދައިން މިފަހަރުގެ ވޯލްޑް ކަޕަށް އަންނާނެ އިތުރު އާ ޓެކްނޮލިޖީއަކީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ނިޒާމެއްގެ އިތުރުން ޕްލޭޔާ އެޕެކެވެ.

އޮފްސައިޑް ނިޒާމަކީ ވީއޭއާރްގެވެސް ފުރިހަމަކަމަށް ތައާރަފްވި ރެފްރީންގެ އެހީތެރިއެކެވެ. ދެން އޮތީ ޕްލޭޔާ އެޕެވެ. އެއީ ކުޅުންތެރިންނަށް ހާއްސަ އެޕްލިކޭޝަނެކެވެ. ކުޅުންތެރިންނަށް މެޗު ހަމަ ނިންމާލުމާއެކު، އަމިއްލަ ޕާފޮމަންސް މިފަހަރުގެ ވޯލްޑް ކަޕްގައި ބަލައިލެވެނޭއެވެ. އެއީ ފީފާގެ ޕްލޭޔާ އެޕް ބޭނުންކޮށްގެންނެވެ. ފީފާ ޕްލޭޔާ އެޕްގެ މައުލޫމާތުތައް ޓީމުތަކަށް ބޭއްވި ހާއްސަ ސެމިނާތަކުގައިވެސް ކިޔައިދީފައިވެއެވެ.

ފީފާ ޕްލޭޔާ އެޕަކީ ކުޅުންތެރިންގެ އިތުރުން ޓީމުތަކުގެ އެނަލިސްޓުންނަށްވެސް ބޭނުންތެރި، އަދި ސަޕޯޓަރުންވެސް ގަޔާވާނެ އެޕްލިކޭޝަނެކެވެ. ކުޅުންތެރިންގެ ޑޭޓާގެ އެހީގައި މެޗުތަކުގެ ނަތީޖާ އަންދާޒާކުރަން ފަސޭހަވެ، ވަކިވަކި ކުޅުންތެރިން ދައްކާ ހުނަރު އަޅައިކިޔާލަން ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ޕްރޮފެޝަނަލް ކުޅުންތެރިންގެ އިންޑިވިޖުއަލް މައުލޫމާތު ފުރިހަމައަށް ފެންނާނެ އެޕްލިކޭޝަނަކީ ފިފްޕްރޯއާ ގުޅިގެން ފީފާއިން ތައާރަފް ކޮށްފައި އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަނުގެ ޑޭޓާއަކީ މެޗު ފުޓޭޖްތަކާ ފުރިހަމައަށް ސިންކްރޮނައިޒް ކުރެވިފައިވާ ޑޭޓާ ސިސްޓަމެކެވެ. އެ ސިސްޓަމަށް ޑޭޓާ ނެގުމުގައި އެކިއެކި ކެމަރާ އެންގަލްތަކުގެ ބޭނުންކޮށް، ކުޅުންތެރިން ފިޒިކަލް ޕަފޮމަންސަށްވެސް ބަލާނެއެވެ. އޭގެ އިތުރުން އެންހޭންސްޑް ފުޓުބޯލް އިންޓެލިޖެންސް މެޓްރިކްސް، އެންހޭންސްޑް ފުޓްބޯލް ޑާޓާ މެޓްރިކްސްގެ ޑާޓާތައްވެސް ޕްލޭއާ އެޕަށް ނަގައިގަންނާނެއެވެ.

ފީފާގެ ޕްލޭޔާ އެޕް މިހާރު ވަނީ އަރަބި ކަޕް 2021 ގައި ޓެސްޓްކޮށް، ކާމިޔާބު ކޮށްފައެވެ.