ބ. އަތޮޅު ރިސޯޓެއްގައި ބަގީއާއެކު މޫދަށް ވެއްޓުނު މުވައްޒަފަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ 11:10 ހާއިރު ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވަނިކޮށް، ބާގީއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި މޫދަށް ވެއްޓި އަނިޔާވެފައިވަނީ މޮރޮކޯގެ އުމުރުން 26 އަހަރުގެ މީހަކަށް ކަމަށާއި އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.