ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމަށް ވިލާ އެޑިއުކޭޝަން ސާވިސްއާ ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޫނިއާ ކޮލެޖު ހިންގުމުގެ މަސައްކަތް ވިލާ އެޑިއުކޭޝަނާ ހަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީއެވެ. ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބުއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ކެނދިކުޅުދޫގައި ތަރައްގީކުރާ ޖޫނިއާ ކޮލެޖަކީ މަތީ ފަންތީގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަވެގެންދާނެ ކޮލެޖެއް ކަމަށެވެ. އަދި އެ ކޮލެޖުން ވޮކޭޝަނަލް ކޯސްތައް ވެސް ކުރިއަށްގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ޖޫނިއާ ކޮލެޖުގެ މަސައްކަތަށް ކެނދިކުޅުދޫން 86،000 އަކަފޫޓޫގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ވިލާއިން އެޑިއުކޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޫނިއާ ކޮލެޖުގެ މަސައްކަތް 27 މަސް ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށާއި ޖޫނިއާ ކޮލެޖުގެ ހިންގުމުގެ ޒިންމާ ވިލާ އެޑިއުކޭޝަނާ ހަވާލުކޮށްފައިވަނީ 50 އަހަރަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

މިސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޖޫނިއާ ކޮލެޖާއި މަތީ ތައުލީމުދޭ ފަސް މަރުކަޒެއް ގާއިމު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެސްއޭޕީގެ މަތީ ތައުލީމުގެ ދާއިރާއިން ފަސް އަހަރުގެ ތެރޭގައި ހާސިލްކުރަން ކަނޑައަޅާފައިވާ މައިގަނޑު ހަ ކަމެއް ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި 2023ގެ ނިޔަލަށް ފަސް ސަރަހައްދެއްގައި ފަސް ޖޫނިއާ ކޮލެޖާއި ފަސް ސަރަހައްދެއްގައި މަތީ ތައުލީމުދޭ ފަސް މަރުކަޒަކުގެ އިތުރުން ރީޖަނަލް އާބަން ފަސް ސެންޓަރެއް ގާއިމުކޮށް އެތަނުން ޒަމާނީ ފެންވަރުގެ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ތަމުރީނު ފޯރުކޮށްދޭނެއެވެ.