Close
ޚަބަރު

ކައުންސިލްތަކުގެ ބައި އުނިކޮށް، ޑަބްލިޔުޑީސީ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރަށު ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން އޮތް ބައި ބިލުން އުނިކޮށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ، ލާމަރުކަސީ ގާނޫނަށް ގެނައި އިސްލާހެއްގެ ގޮތުގައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

މި ބިލު ދިރާސާކޮށް ލާމަރުކަޒީ ކޮމިޓީން ގެނައި ބަދަލާއެކު މަޖިލީހަށް ހުށަހެޅުމުން މިއަދުގެ ޖަލްސާއިން ބިލު ފާސްކުރީ، ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ.

މި ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުގެ ބައި-އިލެކްޝަންތައްވެސް އަހަރަކު އެއްފަހަރު ބޭއްވުމަށް ހިމަނާފައިވެއެވެ. ނަމަވެސް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކަށް އެ ބަދަލު ގެންނަން މަޖިލިސް މެންބަރުންނަށް ނުފެންނާތީ ކޮމިޓީން ވަނީ ބިލުން އެބައި އުނިކޮށްފައެވެ.

ޑަބްލިޔުޑީސީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަަހަރު ބާއްވަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ނިންމީ، ޑަބްލިޔުޑީސީތަކުގެ މެންބަރުން އަވަސް އަވަހަށް އިސްތިއުފާދެއްވާތީ، ކައިރި ކައިރީގައި ގިނަ ބައި-އިލެކްޝަންސްތައް ބާއްވަން ޖެހުމަކީ ކަމުގެ މުހިންމު ކަމަށް ބަލައި އެކަމަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއް ކަމަށް ބުނެ އެގޮތް ބަދަލުކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ޑަބްލިޔުޑީސީތަކުގެ މެމްބަރުން އިސްތިއުފާ ދީފި ނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހެއެވެ.

ގާނޫނަށް ގެންނަން މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބެއް ބާއްވަންޖެހޭ ހާލަތުގައި 365 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވަންޖެހޭ ކަމަށެވެ. އަދި ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި އޮތް މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.