ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން ރާއްޖޭގައި ނަފުސާނީ ހިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރު ހުށަހަޅުއްވާ ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވީ، ރާއްޖޭގައި ނަފުސާނީ ބަލިތަކާއި އެ ބަލިތަކަށް ފަރުވާދިނުމާއި ފަރުވާ ހޯދުމާއި އެ ކަންކަމާމެދު އާއްމު ހޭލުންތެރިކަން އޮތް މިންވަރަށް ރިއާޔަތްކުރުމާއެކު، ނަފުސާނީ ސިއްހަތު ނުވަތަ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްތަކާއި ނަފުސާނީ ސިއްހަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތުމުން ކަމަށެވެ.
އަދި ރާއްޖޭގެ އާބާދީއާއި އެކަށޭނަ މިންވަރަށް އެ ހިދުމަތްތައް ލިބެން ނެތުމާއި ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން އެކަށޭނަ އަވަސްމިނުގައި ނަފުސާނީ ފަރުވާގެ ފުރުސަތު ނުލިބުމަކީވެސް އެ ގަރާރު ހުށަހެޅި ސަބަބެއް ކަމަށް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019–2023 ގައި ނަފުސާނީ ދުޅަހެޔޮ ކަމަށް ބޭނުންވާ ފަރުވާގެ ކަންކަން ކުރިއަރުވައި އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ތަންފީޒުކުރާނެ ކަމަށް ބަޔާންކޮށް އެކަށައަޅާފައިވާ ސިޔާސަތު (ނަމްބަރު 8) އަށް އެކަށީގެންވާ ގޮތަށް ތަންފީޒު ކުރުމަށް ސަރުކާރުން އަހަންމިއްޔަތު ކަމެއް ނުދެއެވެ.
- ނަފުސާނީ ހިދުމަތް ލިބުމުގައި މާލެއާއި އަތޮޅުތެރޭގައި ހުރި ބޮޑު ތަފާތު ކުޑަކޮށް، އަތޮޅުތެރޭގައި މި ހިދުމަތް ރަނގަޅަށް ގާއިމުކުރަން ޖެހުން
- ނަފުސާނީ ހިދުމަތުގެ ފަންނީ މީހުން ރާއްޖޭގައިވެސް މަދުކަމުގައިވާ ހިނދުވެސް، އެހެން އެކިއެކި ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް މީހުން ރާއްޖެއިން ބޭރުން ހޯދާ ފަދައިން މި ހިދުމަތް ދިނުމަށްވެސް ރާއްޖެއިން ބޭރުން މީހުން ހޯދެން އޮތް ނަމަވެސް، އެގޮތަށް އަމަލު ނުކުރުން
- ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކްލިނިކްތަކަށާއި ހޮސްޕިޓަލްތަކަށް ދިއުމަށް ފަސްޖެހޭ ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް އަމިއްލަ ގޮތުން ފަރުވާ ހޯދޭނެ "ސެލްފް ކެއާ" ނިޒާމެއް ނުވަތަ ޕްރޮގުރާމުތަކެއް ރާއްޖޭގައި ގާއިމުކުރެވިފައި ނެތުން
- ނަފުސާނީ ބަލީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު އެނގޭނެ ރަނގަޅު ފުން ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތުން
އެ ގަރާރުގައި މެންބަރު ރިޔާޒް ވަނީ، ނަފުސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ނަފުސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު