މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށްފަހު ރޭ ފުރާވަޑައިގެންފިއެވެ.

މުފްތީ ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ދަތުރުގައި މުފްތީ ވަނީ މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ދަރުސް ދެއްވައިފައެވެ. އެ ދަރުސްތައް އަޑުއެހުމަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. މުފްތީ ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުވެސް ކުރައްވައިފައެވެ.

މުފްތީގެ ދަރުސްތަކުގެ މައުލޫތައް ހާއްސަކުރައްވައިފައިވަނީ މުޖުތަމައުގައި ހުރި މުހިންމު މައްސަލަތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން މާތްﷲ އާއި އިންސާނާއާ ދެމެދު އޮންނަ ގުޅުމާއި އާއިލީ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ފަދަ މުހިންމު މައުލޫތައް ހިމެނެއެވެ.

މުފްތީ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ވެސް އިއްޔެ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މުފްތީ ވަނީ އެމަނިކުފާނު ކުރިއަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކާއި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވައިފައެވެ.

ރާއްޖެއިން ފުރާ ވަޑައިގަތުމުގެ ކުރިން މުފްތީ ވަނީ "ލީޑަރޝިޕް ލެސަންސް ފްރޮމް ދަ ލައިފް އޮފް ޕްރޮފެޓް މުޙައްމަދު (ﷺ)" ނަމުގައި ރައީސް އޮފީހުގެ މުވައްޒަފުންނަށް ޝެޝަނެއް ނަންގަވައިދެއްވައިފައެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެފަހަރުގެ ދަތުރުގައި މާލެ އާއި އައްޑޫގެ އިތުރުން ދެން ދަރުސް ދެއްވީ ކުޅުދުއްފުށި ސިޓީގައެވެ. އަދި ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވައިފައެވެ.

އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ދީނީ ދަރުސް ދެއްވަމުން ގެންދަވާ މުފްތީއަކީ ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑެވެ.