އައިޖީއެމްއެޗުގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ރިޕޯޓުކުރި ދުވަހު، އެ ދެމަފިރިން ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ސިޑިމަތިން މާވިންއާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ނުފެންނަ ކަމަށް އެގޭގައި ދިރިއުޅުނު ބައެއް މީހުން ބުނެފިއެވެ.
މޭރީ ދަންޖެހިގެން މަރުވި ކަމަށް މާވިން ރިޕޯޓްކުރީ 19 އޮކްޓޯބަރު 2021 ގައެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީވެސް އޭނާއެވެ. ނަމަވެސް މޭރީ މަރުވުމުގެ ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފެށިއެވެ.
މޭރީގެ މަރުގެ މައްސަލާގައި މާވިންއާއި ލަމްހާގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލައިފައެވެ.
މޭރީގެ މަރަށް ދެ ދުވަސް ފަހުން މާވިން ހައްޔަރުކުރިއިރު ލަމްހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މޭރީގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ މޭރީއާއި މާވިން ދިރިއުޅުނު މއ. އުދުހޭކޮކާގޭގައި އޭރު އުޅުނު ބައެއް މީހުންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ވަނީ މޭރީ މަރުވި ވަގުތާ ގާތްކޮށް އެގޭގެ ސިޑިން ތިރިއަށް ފޭބި ހަތަރު މީހެއްގެ ހެކިބަސް ނަގައިފައެވެ.
މާވިންއާއި މޭރީ ދިރިއުޅުނީ ހަ ބުރިއަށް ހަދާފައި ހުރި މއ. އުދުހޭކޮކާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގައެވެ. މައިދޮރާށިން އެކަނި އެގެއަށް ވަދެވޭއިރު، މައްޗަށް އަރަން ހުންނަނީ ހަނި ސިޑިއެކެވެ.
ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން، އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި އެ ދުވަސްވަރު އުޅުނު ވާފިޔާ މުހައްމަދު ބުނީ އެ ދުވަހުގެ މެންދުރު 12:50 ހާއިރު އޭނާގެ ދަރިން ސްކޫލަށް ބަލައިދާން ވެގެން ނުކުތް ކަމަށާއި އެ ވަގުތު މާވިން އަދި ލަމްހާވެސް ފެނިފައި ނުވާ ކަމަށެވެ.
އެގޭގައި އެ ދުވަސްވަރު އުޅުނު ޖައުފަރު ރަޝީދާއި މުހައްމަދު ހަމީދުގެ އިތުރުން އައިޝަތު ހަނީފާވެސް ވަނީ އެ ދުވަހުގެ މެންދުރުގެ ވަގުތުގައި ސިޑި މަތިން މީހަކު ނުފެންނަ ކަމަށް ބުނެފައެވެ.
މި މައްސަލާގައި އިއްޔެވެސް ވަނީ އެގޭގައި އުޅުނު މީހެއްގެ ހެކިބަސް ނަގައިފައެވެ. އޭނާވެސް ވަނީ މޭރީ މަރާލި ދުވަހު އެގޭގެ ސިޑިން އެއްވެސް މީހަކު ނުފެންނަ ކަމަށް ބުނެފައެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ. މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ ހަވަނަ ދުވަހުއެވެ. މިމަހުގެ 8 ވަނަ ދުވަހަށްވެސް އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.
މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވެފައިވަނީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު