ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔުއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި 22 މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާއާ ގުޅޭ ގޮތުން ހުށަހެޅި 22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާކަން ސާބިތު ނުވި ނަމަވެސް ދެ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ބުންޏެވެ.

ސާބިތުވި ދެ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު ލުއައްޔު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާ ކަމާއި ކޯޓުގެ ރަސްމީ ގަޑީގައާއި އެ ނޫންވެސް ވަގުތުތަކުގައި ލުއައްޔު ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، އެ މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރި ކަމެވެ.

ޖޭއެސްސީން ބުނީ، ލުއައްޔުގެ މައްޗަށް ސާބިތުވި ކަންކަމަކީ ދިވެހިރާއްޖާގެ ފަނޑިޔާރުންގެ ގާނޫނުނެ 32 ވަނަ މާއްދާގެ (ހ)ގެ (8) ވަނަ ނަންބަރާއި (9) ވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި 6.1 ވަނަ ނަންބަރާއި 3.2 ވަނަ ނަންބަރާއި 4.1 ވަނަ ނަންބަރާ ހިލާފު އަމަލުތަކަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ 32-1 (ހ)ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން، އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.