ޚަބަރު

ކުވެއިތް އެއާވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިިފި

މުހައްމަދު ޖަމްޝަތް ވަހީދު

ކުވެއިތުގެ ގައުމީ އެއާލައިން، ކުވައިތް އެއާވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ކުވެއިތާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ އަދި މިނިސްޓްރީގެ އިސްބޭފުޅުންނާއި އެމްއޭސީއެލްގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.

ވެލާނާ އެއާޕޯޓުގައި ކުވެއިތް އެއާވޭސްގެ ފުރަތަމަ ބޯޓު ޖައްސާފައިވަނީ އިއްޔެ ހެނދުނު 7:15 ގައެވެ. ހާއްސަ ވޯޓާ ސެލިއުޓަކުން ބޯޓަށް މަރުހަބާ ކީއިރު، އެ ބޯޓުން ރާއްޖެ ޒިޔަރާތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކުއެވެ.

ކުވައިތް އެއަވޭސްގެ ދަތުރުތައް ފެށުމާ ގުޅިގެން މައުސޫމް ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ފަށާފައި މިވަނީ ޔޫރަޕުގެ ފްލައިޓުތައް އިތުރުކުރަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މި ދަތުރުތަކާއެކު ޔޫރަޕުން ރާއްޖެ އަންނަ ފަތުރުރުވެރިންނަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ، މި މަހު ފަށާ ވޯލްޑް ކަޕާއެކު މެދުއިރުމަތީގެ ފްލައިޓުތަކަށް ބާރުބޮޑުވެގެންދާ އިރު، ކުވައިތް އެއާލައިންގެ ސިދާ ދަތުރުތަކާއެކު ރާއްޖެ އައުމަށް އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

ކުވެއިތް އެއާވޭސް އިން ކުވެއިތާއި ރާއްޖެއާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ. މިއީ 150 މީހުންގެ ޖާގައިގެން ބޯޓެކެވެ.